މާއުނގޫދޫ ކައުންސިލާއި މާއުނގޫދޫ ސިއްޙީ މަރުކަޒު ގުޅިގެން ޖެނެރަލް ހެލްތް ސްކްރީނިންގ ކޭމްޕެއް ބާއްވައިފި

ށ. މާއުނގޫދޫ | 20 އޮގަސްޓު 2026 | ޚަބަރު

ށ. މާއުނގޫދޫ ކައުންސިލާއި މާއުނގޫދޫ ސިއްޙީ މަރުކަޒު ގުޅިގެން، 2026 އޯގަސްޓް 19 އަދި 20 ވަނަ ދުވަހު، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ޖެނެރަލް ހެލްތް ސްކްރީނިންގ ކޭމްޕެއް ބާއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ޖުމްލަ 73 މީހަކު ހެލްތް ޗެކަޕް ހަދާފައިވެއެވެ.

Advertisement

މި ކޭމްޕުގައި ބައިވެރިވި ފަރާތްތަކުގެ ބޮޑީ މާސް އިންޑެކްސް (BMI) ބެލުމާއި، ލޭގެ ޕްރެޝަރު ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުމުގެ އިތުރުން، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މަޢުލޫމާތު ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ރައްޔިތުންގެ ޞިއްޙީ ޙާލަތު ދެނެގަނެ، ހަކުރުބައްޔާއި ލޭގެ ޕްރެޝަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް ކުރީބައިގައި ދެނެގަތުމަށް މަގުފަހިކޮށްދިނުމާއި، އަމިއްލަ ޞިއްޙަތު ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމުގައި މާއުނގޫދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ކޭމްޕުގައި ބައިވެރިވެ، ޞިއްޙީ ޗެކަޕް ހެއްދެވި ހުރިހާ ފަރާތްތަކަށް ކައުންސިލުގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.

ރައްޔިތުންގެ ޞިއްޙަތާ ގުޅުންހުރި މިފަދަ ޙަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް މާއުނގޫދޫ ސިއްޙީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދިއުމަކީ ކައުންސިލުގެ ވަރަށް ބޮޑު އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.