ރައީސުލްޖުމްހޫރިއްޔާ 14 އޮކްޓޯބަރުގައި ށ. ފޯކައިދޫއަށް ވަޑައިގެން އެ ރަށުގެ ތަރައްޤީއަށް މުހިންމު 11 ކަމެއް އިޢުލާން ކޮށްދެއްވައި، މަޝްރޫޢުތަކުގެ ބިންގާ އެޅުއްވުމަށް އެރަށަށް ގެންދިޔަ ހުރިހާ ސާމާނެއް ރައީސްގެ ދަތުރުފުޅު ނިމުމާއެކު އަނބުރާ ގެންގޮސްފި އެވެ.
އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސް އަޙްމަދު އަންވަރު ވަނީ އެމަންޒަރު ފެންނަ ޕޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އިތުރަށް ބުނެފައިވަނީ ރައީސް ޑރ. މުޢިއްޒު ފޯކައިދޫއަށް ވަޑައިގެން ބިންގާ އަޅުއްވައިދެއްވި ޕްރޮޖެކްޓް ސައިޓްތަކުގެ ފެންސު ޖެހުމަށް ބޭނުންކުރި ޓިނުކޮޅާއި، ފަތިކޮޅާއި ހޮޅިކޮޅު އަދި ބަރޯގަނޑާ މޮހޮރު ކޮތަޅު ވެސް ގެންގޮސްފި ކަމަށެވެ.
މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ރަށް ރަށުން ކުރަމުން ގެންދާ ޝަކުވާއެކެވެ. މަޝްރޫޢުތަކުގެ ބިންގާ އެޅުމަށް ފަހު، ދެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ބިންގާކޮޅު ވީރާނާވާ ކަމުގެ ޝަކުވާއެވެ. އަދި އެއް ރަށަށް ގެންދާ ސާމާނުތައް ރަސްމިއްޔާތު ނިމުމުން އަނެއް ރަށަށް ގެންދާކަމުގެ ޝަކުވާއެވެ.
ޕީއެންސީ ސަޕޯޓަރުން ބުނަނީ މަޝްރޫޢުތަކުގެ އިފްތިތާޙީ ޙަފުލާތަކާއި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ދައުރުގެ ތެރޭގައި ހުރިހާ ކަމެއް ވެސް ކޮށް ނިންމާލާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު