
ބިންލާދިން ގުރޫޕުގެ ނަމުގައި ވަގަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގީ ކޮންޓެއިނާ ހުރިގޮތަށް ކަން ޔަޤީން ވެއްޖެ އެވެ.
މިކަން ޔަޤީންވީ ގެއްލުނު ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ބުނެ މީޑިއާތަކަށް ފޮނުވި މެސެޖަކުންނެވެ. ބެލެވޭގޮތުގައި ކޮންޓެއިނަރުތައް ވަގަށް ގެންގޮސް ތިލަފުށީގައި ފަޅާލައިގެން އޭގައި ހުރި ސިނގިރޭޓްތައް ނަގާ އެހެން ތަންތަނުގައި ފޮރުވީ ނުވަތަ ވިއްކާ ހުސްކޮށްލީއެވެ.
ފުލުހުން ބުނީ، މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ބައިތައް ފެނިފައިވާ ކަމަށެވެ. އަދި އިތުރު މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މެސެޖުގައި ވެ އެވެ.
މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯންޑިންގްސްގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް (40) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ (48) ކުރިން ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު