އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫ އާއި މީދޫ އާއި، އަދި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 އާއި އެ ޤަރާރު އިޞްލާޙުކުރެވުނު، ޤަރާރު ނަންބަރު 31/2025 ގެ ދަށުން އައްޑުއަތޮޅުގެ ބުނެވުނު ދާއިރާތަކުގައި ނުވަތަ ރަށްތަކުގައި، މިހިނގާ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ނެގުމަށް ނިންމާފައިވާ ޢާންމު ވޯޓު ނުވަތަ ރެފެރެންޑަމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގެ (ޏ) އާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޣައިރުދުސްތޫރީ ޤަރާރެއްގެ ދަށުން ނަގާ ވޯޓެއްކަމަށް ދެކެމެވެ؛
ބުނެވުނު ޤަރާރަކީ ދުސްތޫރީގޮތުން ޞައްޙަ ޤަރާރެއް ނޫންކަމަށް ބަލަންޖެހޭ ދުސްތޫރީ އަދި ޤާނޫނީ ސަބަބުތައް:
1. ރައީސުލްޖުމްހޫރިއްޔާ ބުނެވުނު ޤަރާރު ނެރެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ކަމަށް އެ ޤަރާރުގައި ބުނެފައިވާއިރު، ޤާނޫނުއަސާސީގެ އިޝާރާތް ކުރެވުނު މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު، ކަމާބެހޭ ޤާނޫނަކުން ތަންޒީމު ކުރަންވާނީ ޤާނޫނުއަސާސީގެ “ސުޕްރެމެސީ”ގެ މަބްދައާއި، ޤާނޫނީ ޤާޢިދާތަކުގެ ހައެރާކީ ނުވަތަ “ހައެރާކީ އޮފް ނޯރމްސް”ގެ މަބްދައަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ ބުނެވުނު ނައްޞުގެ ޙުދޫދުގެ ތެރޭގައި އެ ނައްޞާ ތަޢާރުޞު ނުވާނޭ އުޞޫލަކުންނެވެ.
2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ގެ (ޏ) ގައި “ޤައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުނެގުން”، މިއީ ރައީޞުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބާރެއް ގޮތުގައި ކަނޑައަޅައި ބަޔާންކޮށްފައި ވާއިރު، ބުނެވުނު ނައްޞުގައި ބުނެފައިވާ ޤައުމީ މުހިއްމު މައްސަލަތަކަކީ (matters of national importance) ކޮބައިކަން ތަރްޖަމާ ކުރަންވާނީ ޞައްޙަ ދުސްތޫރީ މިންގަޑެއްގެ މައްޗަށް ބިނާކޮށެވެ. އެވާންޖެހޭނީ މައުޟޫޢީ (އޮބްޖެކްޓިވް) މިންގަޑަކަށެވެ. ނަހަމަގޮތުގައި ބޭނުނުން ކުރެވިދާނެ ޝަޚްޞީ (ސަބްޖެކްޓިވް) މިންގަޑަކަށް ނޫނެވެ. މިގޮތުން ބަލާއިރު، ޕަބްލިކް ރެފެރެންޑަމް އަކަށް ދާންޖެހޭ ބާވަތުގެ “ޤައުމީ މުހިއްމު” މައްސަލަތަކަކީ މުޅި ދައުލަތުގެ މަޞްލަޙަތާ ގުޅިފައިވާ މައްސަލަތަކެވެ.
އޭގެތެރޭގައި ދައުލަތުގެ ސިޔާދަތާއި، ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތާ، އަދި ދުސްތޫރީ ބޮޑެތިބަދަލުތަކާއި އިޞްލާހުތައް ފަދަ މައްސަލަތައް ޝާމިލުވެގެން ވާއިރު، މުޅި ދައުލަތައް އޭގައި ޝާމިލުނުވާ ވަކި ޚާއްޞަ އިދާރީ ދާއިރާއަކާ ގުޅިފައިވާ އިދާރީ ޠަބީޢަތުގެ މައްސަލަތަކަކީ ޤައުމީ މުހިއްމު މައްސަލައެއްކަމަށް ބަލައި، އައްޑުއަތޮޅު ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އެ އަތޮޅުގެ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭ ރައީސުލްޖުމްހޫރިއްޔާގެ އިސްވެ އިޝާރާތް ކުރެވުނު ޤަރާރަރަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ދުސްތޫރީ ބާރުގެ ބޭރުން ނެރެފައިވާ ޢައިރުދުސްތޫރީ ޤަރާރެކެވެ.
3. ޣައިރުދުސްތޫރީ ކަމަށް ބެލެވޭ ރައީސުލްޖުމްހޫރިއްޔާގެ ޙަވާލާދެވުނު ޤަރާރުގައި، އެ ޤަރާރު ނެރެފައިވަނީ ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ކަމަށް ބުނެފައިވުމަކީ އެ ޤަރާރު ދުސްތޫރީގޮތުން ޞައްޙަވާނެ ކަމެއް ނޫނެވެ. ސަބަބަކީ “ޤައުމީ މުހިއްމު މައްސަލަތަކުގައި ނަގާ ވޯޓް” މި ސުރުޚީގެ ދަށުގައި ގެނެސްފައިވާ ބުނެވުނު ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި “ޤައުމީ މުހިއްމު މައްސަލައެއް” ނިންމުމުގައި ރެފެރެންޑަމް އަކަށް ގޮވާލުމުގެ ތަޤްދީރީ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށް ފަހު، އެ މާއްދާގެ (ށ) ގައި “ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކާ ގުޅުންހުރި ނުވަތަ ވަކި ސަރަޙައްދަކަށް ނިސްބަތްވާ ރައްޔިތުންނާ ގުޅުންހުރި މުހިއްމު މައްސަލައެއް ނިންމުމުގައި އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގައި އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުން އެކަމުގައި ދެކޭގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމި ދާނެއެވެ.” މިފަދައިން ބުނެފައިވާއިރު، މި ޤާނޫނީ ނައްޞުގެ ޢިބާރާތަށް ރަނގަޅަށް ބެލުމުން އެއީ އިސްވެ އިޝާރާތް ކުރެވުނު ޤާނޫނުއަސާސީގެ “ސުޕްރެމެސީ”ގެ މަބްދައާއި، ޤާނޫނީ ޤާޢިދާތަކުގެ ހައެރާކީ ނުވަތަ “ހައެރާކީ އޮފް ނޯރމްސް” ގެ މަބްދައާ ކަނޑައެޅިގެން ޚިލާފަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާ ތަޢާރުޟުޥާގޮތަށް އެކުލަވާލައިފައިވާ ނައްޞެއްކަން ރަނގަޅަށް އެނގެއެވެ. އެހެނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ އިޝާރާތްކުރެވުނު 4 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވަނީ މުޅި ދައުލަތް އޭގައި ޝާމިލުވާ ޤައުމީ މައްސަލަތަކެއް ނޫނެވެ. މީގެ އިތުރުން އެ މާއްދާގެ (ށ) ގެ ޢިބާރާތް ފަރުމާކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަޤްދީރީ ބާރު ނަހަމަގޮތުގައި ބޭނުން ކުރުމަށް މަގުފަހިވާގޮތަށް ޝަޚްސީ ނުވަތަ ސަބްޖެކްޓިވް މިންގަޑަކަށެވެ.
އެހެންކަމުން، ބުނެވުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ އިޝާރާތް ކުރެވުނު 4 ވަނަ މާއްދާގެ (ށ) ގެ ނައްޞަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާ ތަޢާރުޟުވާ ނައްޞަކަށް ވާތީ، އެއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކަމާބެހޭ ކޯޓުން ބަލައި ގޮތެއް ނިންމަންޖެހޭ ނައްޞެއް ކަމަށް ދެކެމެވެ. ހަމައެއާއެކު، ބުނެވުނު ނައްޞަށް ޙަވާލާދީ ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޙަވާލާދެވުނު ޤަރާރު ނަންބަރު 27/2025 އާއި ޤަރާރު ނަންބަރު 31/2025 އަކީވެސް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ “ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުނެގުމުގެ” ދުސްތޫރީ ބާރުގެ އިމުން ބޭރުން ނެރެފައިވާ ޤަރާރުތަކެއްކަމަށް ބެލެވޭތީ، އެ ޤަރާރުތައް ކަމާބެހެ މުސްތަޤިއްލު ކޯޓަކުން ޖުޑިޝަލް ރިވިއު މައުޟޫޢެއްގެ ގޮތުގައި ބަލައި ބާޠިލުކުރަންޖެހޭ ޤަރާރުތަކެއް ކަމަށް ދެކެމެވެ.
4. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރްކަޒި އުޞޫލުންކަމަށް ބުނެފައި ވެއެވެ. އަދި އެ މާއްދާގެ (ށ) ގައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން އިދާރީ ދާއިރާތަކާއި، މަޤާމުތަކާއި ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ބެލުމުން ދިވެހިރާއްޖޭގައި ލާމަރުކަޒީ ދާއިރާތައް ކަނޑައެޅުމާއި އެދާއިރާތައް ހިންގަން ކައުންސިލްތައް އުފައްދަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވާގޮތުގެ މަތިންކަން އެނގެއެވެ. މިގޮތުން، އައްޑުއަތޮޅަކީ ސިޓީއެއްކަމަށް މީލާދީން 2011 ވަނަ އަހަރު ޢިޢުލާންކުރެވުމަށް ފަހު އައްޑޫސިޓީ ލާމަރްކަޒީ އުޞޫލުން ހިންގުމަށް ސިޓީ ކައުންސިލްއެއް އުފެދިގެން ދިއުމުން، އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞް އެ ސިޓީގައި ޝާމިލްވާ އެންމެހައި އިދާރީ ޔުނިޓްތަކުގެ މައްޗަށް ހިނގަންޖެހޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ވަކި ޔުނިޓަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ބޭރުވެ، ވަކި ކައުންސިލް އެއް އުފެއްދުމުގެ ބާރު ދުސްތޫރީގޮތުންނާއި ޤާނޫނީ ގޮތުން ލިބިގެން ނުވެއެވެ.
އެހެންނަމަވެސް، އިސްވެ އިޝާރާތްކުރެވުނު ރައިސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އައްޑޫސިޓީގެ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ، އިދާރީ ޠަބީޢަތުގެ ބައެއް ކަންބޮޑުވުންތަކަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ތަރަހައިގެ ތެރެއިން އައްޑޫސިޓީ ކައުންސިލްގެ އިޚްތިޞާޞްއަށް އޭގެ އަސަރު ނުކުރާނޭ ގޮތެއްގެ މަތިން ދުސްތޫރީ އަދި އިދާރީ ޙައްލު ހޯދައި ދެވިދާނެ ކަންބޮޑުވުންތަކެވެ. އެ ޙައްލުތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ސަބް ކައުންސިލްތަކެއް އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގައި ޤާއިމުކުރުން ހިމެނެއެވެ.
ޚުލާސާ:
ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން” ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި ބަޔާންކޮށްފައިވާއިރު، އަދި، “ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޒްކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަކީ” ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ އިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ “ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމުވޯޓު” ނެގުމުގެ ބާރުގެ ދަށުން ކަމަށް ބުނެ، އެ މާއްދާގެ އެއަކުރާ ކަނޑައެޅިގެން ޚިލާފަށް އައްޑުއަތޮޅު ބައެއް ދާއިރާތަކުގައި މިމަހު 25 ވަނަ ދުވަހު ނެގުމަށް ނިންމާފައިވާ ޢާންމު ވޯޓާބެހޭ ޤަރާރަކީ ދުސްތޫރީ މަޝްރޫޢިއްޔަތު ނުވަތަ ކޮންސްޓިޓިއުޝަނަލް ލީގަލިޓީ ލިބިގެންނުވާ ޤަރާރެއްކަމުގައި ބެލެވޭއިރު، އެ ޤަރާރުގެ ދަށުން ނަގާ ޢާންމު ވޯޓަކީވެސް ޞައްޙަ ވޯޓެއްކަމަށް ދުސްތޫރީގޮތުން ބަލަންޖެހޭނެ އަސާސެއް ނެތްކަމަށް ދެކެމެވެ.

ކިޔުންތެރިންގެ ހިޔާލު