އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ކޮންޓެއިނާތައް ވަގަށް ނެގީ އެ ކޮންޓެއިނާތަކާ ވައްތަރުގެ ފޭކް ކޮންޓެއިނާތަކެއް ހެދުމަށް ފަހު، ބަނދަަރަށް ގެންގޮސް ބަހައްޓާފައި ކަމަށް ފުލުހުން ބުނެފިއެވެ.
މި ވައްކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، މިއީ ހަމަ އެކަނި ވައްކަމެއް ކުރުމެއް ވެސް ނޫނެވެ. ރާއްޖޭގެ މައިބަނދަރުގެ ސެކިއުރިޓީއަށާއި، މުވައްޒަފުންނަށާއި، ޓެކްނޮލޮޖީއަށް ވެސް ގޮންޖަހާފައި ހިންގާލި ބޮޑު ޖަރީމާއެކެވެ.
މަޢުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެމްޕީއެލްގައި ބެހެއްޓި ފޭކް ކޮންޓެއިނާތަކުގެ އެތެރޭގައި “ދެން ލަލަލާ” ފަދަ ގްރެފިޓީތައް ސްޕްރޭކޮށްފައި ހުރިކަމަށް ވެއެވެ. އަދި އެއީ ކޮންމެވެސް ވެރި ބަޔަކަށް ދީފައިހުރި މެސެޖުތަކެއް ކަމަށް އެފަދަ މީހުން ތުހުމަތު ކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިންކަމުގައިވާ އެޕޯލޯ އާއްޓޭ އާއި ދިގަލި ވެސް ހިމެނެއެވެ. އެ ދެމީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މިހާތަނަށް ހޯދި ހޯދުމުން ވަގަށް ނެތި ކޮންޓެއިނާތަކުގެ ބައިތަކާއި، އޭގައި ބައިވެރިވި މީހުންނާއި، ރިޝްވަތު ނެގި މީހުންނާއި، ރިޝްވަތުގެ ގޮތުގައި ނެތި ފައިސާ އާއި މުދަލަކީ ކޮބައިކަން ވެސް ވަނީ ހޯދިފައެވެ. އެހެން ނަމަވެސް ވަގަށް ނެތި ސިނގިރޭޓުތައް ފެނިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ހުރިހާ ސިނގިރޭޓެއް ވެސް ވަނީ ވިއްކާ ހުސްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު