އަންނަ އަހަރުގެ ރޯދައަށްވެސް ސަރުކާރުން ރޯދަ ހަދިޔާ ދެނީ

ޝާން މުޙައްމަދު | 4 ނޮވެމްބަރ 2025 | ޚަބަރު

އަންނަ އަހަރުގެ ރޯދައަށްވެސް ސަރުކާރުން ރޯދަ ހަދިޔާ ދޭން ނިންމައިފިއެވެ.

ސަރުކާރުން މިހާރު ވަނީ އަންނަ އަހަރު ވެސް ރޯދަ ހަދިޔާ ދޭން ނިންމާފައިވާ އަތޮޅުތެރޭގެ ރަށްރަށުގެ ގޭބިސީތަކުގެ ދަފުތަރު އަދާހަމަކުރަން އަންގަން ފަށައިފަ އެވެ.

Advertisement
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރޯދަ މަހު ވެސް ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ދެއްވަން ހަމަޖެހިފައިވާތީ ލޯކަލް މިނިސްޓްރީގެ އެންގުމުގެ މަތިން އެކިއެކި ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވެސް ވަނީ ގޭބިސީތަކުގެ ދަފުތަރު އަދާހަމަކުރަން އަންގައި އިއުލާންކޮށްފަ އެވެ.

ގޭބިސީއެއްކަމުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި އަދި ދިރިއުޅޭ ދިވެހި ޢާއިލާތަައް ކަމަށެވެ. ކޮންމެ ގޯއްޗަކުން ވެސް މިކަމަށް ފުރަން ޖެހެނީ އެންމެ ފޯމެކެވެ. ފޯމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނިީގޭގެ ވެރިފަރާތުގެ ނަމާއި އައިޑީ ކާޑު ނަންބަރާއި ގޭގެ ނަމާއި ގޭގެ ވެރިފަރާތުގެ ފޯނު ނަންބަރާއި ދިރިއުޅޭ ގޭބިސީގެ އަދަދާއި ގޭބިސީގެ މީޓަރު ނަންބަރާއި ގޭގެ ނަންބަރެވެ.

މި އަހަރާއި މިދިޔަ އަހަރު ވެސް ރައީސްގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދީފައިވެ އެވެ. އެގޮތުން މި އަހަރު ކޮންމެ ގެއަކަށް ތެޔޮ މަސްދަޅު ކޭހެއް ހަދިޔާ ކުރުމުގެ އިތުރުން ކަރަންޓު ބިލުން ޑިސްކައުންޓު ވެސް ދީފައިވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ މަހުގެ 17 ގަ އެވެ. ނަމަވެސް އަންނަ އަހަރުގެ ރޯދަ ހަދިޔާއާ ގުޅޭ އެއްވެސް ވާހަކައެއް ރައީސް އަދި ރަސްމީކޮށް ހިއްސާ ނުކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.