ށ. ނަރުދޫގެ ދަނޑުވެރިން ފޯރީގައި ރޯދައަށް ދަނޑުތައް ތައްޔާރުކުރަން ފަށައިފި.

މިލައުތުރު | 17 ޑިސެމްބަރ 2025 | ރިޕޯޓު

އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ށ. ނަރުދޫގައި މީހުން ދިރިއުޅޭ ގޭބިސީތަކަށް ކަރާ އަދި ކިއުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް 24 ނޮވެންބަރު 2025 ގައި ރަށު ކައުންސިލުން ދޫކޮށްފައިވާ ދަނޑުބިންތަކުގައި މުޑުވައްކުރުމުގެ މަސައްކަތް ދަނޑުވެރިން ފަށައިފި އެވެ.

Advertisement

ނަރުދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގަްއި މިއަހަރުގެ ރޯދައަށް ބޭނުންވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހެއްދުމަށް ދަނޑުބިމަށް އެދިފައިވާ 63 ގޭބިސީއަކަށް ދަނޑުބިން ވަނީ ދޫކުރެވިފައެވެ.

ފާއިތުވި އަހަރެކޭ ވެސް އެއްފަދައިން ރަމަޟާންމަހަށް އާންމުކޮށް ބޭނުންކުރާ ބާވަތްތައް ހެއްދުމަށް 4 މަސްދުވަހުގެ މުއްދަތަށް ދޫކުރެވިފައިވާ ދަނޑުތަކުގައި އާއްމުކޮށް ދަނޑުވެރިން ހައްދާނީ ކަރާ، ކިއުކަންބާ، މެލަން، ބަޓާނާ އަދި ކެކުރިފަދަ ބާވަތްތަކެވެ.

ށ. ނަރުދޫގެ ދަނޑުވެރިން ބުނާގޮތުގައި އެމީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުފައްދާ ބާވަތްތައް ރަނގަޅު އަގުގައި ވިއްކޭނެ ގޮތެއް ނެތުމެވެ. ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ކުންފުނީގެ އެހީތެރިކަން އެއްވެސް އަހަރަކު ލިބިފައިނެތް ކަމަށާއި، މި އަަހަރު އެތަނުގެ އަޑު ރޭޑިއޯއަކުން ވެސް ނީވޭ ކަމަށެވެ.

“އަޅުގަނޑުމެންނަށް ވިއްކުނު އެއްޗެއް ވިއްކުނު ގޮތަކަށް ވިއްކަނީ، ދެން ބޮޑުބައި ހަލާކުވެގެން ދަނީ.” ނަރުދޫގެ ދަނޑުވެރިޔަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.