ރޭގެ ދަންވަރުން ފެށިގެން ށ. ނަރުދޫއަށް އުދައަރަމުންދާތީ އެ ރަށުގެ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގައެވެ. މަޢުލޫމާތު ލިބޭގޮތުގައި އުދައާއެކު ރަށުތެރެއަށް ވައްދާލާ ލޮނުގަނޑު މީހުން ދިރިއުޅޭ ސަރަހައްދަށް ވަނީ ފެތުރިގެން ގޮސްފައެވެ.
މި މައްސަލަ ބޮޑުވާން ދިމާވާ ސަބަބަކީ އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވަނީ ކަނޑުތޮށި ވެސް ނުޖަހާ ކަމަށް ވުމުންނެވެ. އެންމެ ރާޅުބޮޑު ދިމާލުގައި ކުރިން ހުރި ގާތައް ވެސް ނެގުމަށް ފަހު ތޮށި ނުޖަހާ ހާމައަށް އޮތުމުގެ ސަބަބުން އުދަޔާއެކު ބިޔަ ރާޅުތައް ވާޓަރުމަތިން ރަށުތެރެއަށް ވެސް ބިންދާލާ ކަމަށް ވެއެވެ. އެފަދަ މަންޒަރުތަކެއް މިދިޔަ އަހަރު ވެސް އެރަށުން ފެނިފައި ވެއެވެ.

މިދިޔަ އަހަރު އުދައެރުމުގެ ސަބަބުން ފަތްކެޔޮ ދަނޑުތައް ވަނީ އެއްކޮށް މަރުވެފައި

އެއް އަހަރު ވީއިރު މަސައްކަތް ނުފެށި އޮތް ސަބަބެއް އެއްވެސް ފަރާތަކަށް ނޭނގެއެވެ. އެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިދިޔަ އަހަރުގެ ހަޅަ މޫސުމުގައި ވެސް އުދައެރުމުގެ ސަަބަބުން ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެ ރައްޔިތުންގެ މުދަލަށް ގެއްލުންވާތީ އިމަރޖެންސީކޮށް ސިފައިނާއި ފުލުހުން ފޮނުވަންޖެހިފައި ވެއެވެ. އޭގެ ފަހުން ވެސް އަހަރެއް ވެގެންދިޔަ އިރު ވެސް އެންމެ ގާބުރިއެއް ވެސް އިތުރަށް ބާއްވާލެވިފައެއް ނުވެއެވެ. ނަރުދޫގެ ރައްޔިތުން މިރޭ ވެސް ތިބެންޖެހޭނީ ހޭލާ ދަމަށްކަން ޔަޤީނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ށ. އަތޮޅަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ނަރުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ދެއްވި އެންމެ އުފާވެރި ޚަބަރަކީ އެ މައްސަލަ ވަރަށް އަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީން ކަމެވެ. އެހެން ނަމަވެސް އަދިވެސް ޢަމަލީ ގޮތުން އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ.
ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުޝިދު ސިފަކުރައްވާ ގޮތުގައި މިއީ ބޮޑު އިހުމާލެކެވެ. ބަނދަރެއްގެ ބޭރުތޮށި ޖަހާލަން ދޮޅު އަހަރު ދުވަސް މަދެއް ނޫނެވެ. އަދި އަމުދުން މިފަދަ ބޮޑު މައްސަލައެއް އުފެދޭ ރަށެއްގައި އެކަން ނުކޮށް ދޫކޮށްލާފައި އޮތް އޮތުމަކީ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑު އިހުމާލެކެވެ.


ކިޔުންތެރިންގެ ހިޔާލު