އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމާގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން(އެމް.އެމް.ބީ.އެސް) އިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު އަހްމަދުއެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ސޮއިކުރެއްވީ ޙަމްދީ އަޤީލްއެވެ.
މި ފަހުމުނާމާގެ މަޤްޞަދަކީ އަމިއްލަ މީޑިއާތަކަށް، މާލީ އެހީތެރިކަން ދިނުމުގެ ކަންކަން، ހަމަހަމަކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމާގުޅޭ ގޮތުން މިއަހަރަށް ކަނޑައެޅިފައިވާ ފައިސާ މިއަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ހަވާލުކުރުމުގެ މަސައްކަތްކުރުމުގެ ގޮތުން މީޑިއާތަކުގެ މަޝްވަރާއާއެކު މިކަމާގުޅޭ އުސޫލެއް އެކުލަވާލުމަށް އެމްއެމްބީސީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މީޑިއާތަކުން އުސޫލުގައި ހިމަނަން ފެންނަ ޕޮއިންޓްތައް ފޮނުވުން އަންނަ އާދިއްތަ (21 ޑިސެންބަރު 2025)ގެ 10:00ގެ ކުރިން [email protected] އަށް ފޮނުވުމަށް އެދިވަޑައިގަންނަވައެވެ. އަދި އުސޫލު ކަނޑައެޅުމަށްޓަކައި މީޑިއާގެ ފަރާތްތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހު (މިއަދުގެ) މެންދުރުފަހު 14:00 ޖަހާއިރު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު، މި ވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ވަނީ ދައުވަތު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު