ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ފޯކައިދޫ ޕީއެންސީ ބޮޑުތަނުން ބަލިވުމުގެ ބަދުނާމާއި ތުހުމަތުތަކާއެކު ފެނަކައިގާ މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވިޔަވަޅު އަޅަން ފަށައިފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ވިޔަވަޅު އަޅާފައިވަނީ ފޯކައިދޫ ފެނަކައިގެ ޓެކްނީޝަނެއްގެ މަޤާމުގައި ހުރި އަޙްމަދު ޖައިލަމަށެވެ. އޭނާގެ ކުށަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރުމެވެ. އަދި އެމްޑީޕީއަށް ތާއީދުކޮށް އެ ޕާޓީއަށް ސޮއި ކުރުމެވެ.
އޭނާއަށް އަންގާފައިވަނީ މިއަދުން ފެށިގެން ވަޒީފާ އަދާކުރަން ޖެހޭނީ ކުނިކަހާބައިގާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މަޤާމެއް ވެސް، މަޤާމުގެ މަސްޢޫލިއްޔަތުތަކެއް ވެސް ރަސްމީކޮށް ބަދަލުކޮށްފައެއް ނުވެއެވެ. އެގޮތަށް އެންގެވި އެންގެވުން އަންގަވާފައިވަނީ ފެނަކައިގެ އިސްވެރިޔާ ފޯނުން ގުޅުއްވާފައެވެ. އެނަކަ ހެޑް އޮފީހުން އެފަދަ އެންގެވުމެއް އަންގަވާފައެއް ނުވެއެވެ.
އެގޮތަށް ވަޒީފާ ބަަދަލެއް ނުކުރެވޭނެ ނޫންތޯއޭ އެ މުވައްޒަފު ސުވާލުކުރެއްވުމުން ފޯކައިދޫ ފެނަކައިގެ އިސްވެރިޔާ މާހިދު ވިދާޅުވީ، “ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަން އެނގޭނީ މަށަށް، ކަލެޔަކަށް ނޫން” މިހެންނެވެ.
މިފަދަ އެންގުންތަކާއި ވަޒީފާއަށް ގެންނަ ބަދަލުތަކަކީ ވަޒީފާ އާއި ބެހޭ ޤާނޫނާ ޚިލާފު ކަންކަމެވެ. މުވައްޒަފުންނަށް ފިޔަވަޅު އެޅިޔަސް ޤާނޫނީ އިޖުރާއަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެހެން ނޫނީ އެފަދަ ކަންކަމާ ދެކޮޅަށް ޓްރައިބިއުނަލަށް ދިއުމުގެ ފުރުޞަތު އެފަދަ މުވައްޒަފުންނަށް ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު