ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮމަންޑޫ ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމަށް ފޯކައިދޫ ސްކޫލްގެ ލީޑިންގ ޓީޗަރ ޢަލީ ނާދިރު ވާދަކުރާނެކަން އިޢުލާން ކޮށްފިއެވެ.
ނާދިރު ސާރ މިކަން އިޢުލާން ކުރެއްވީ ޕީއެންސީ ފޯކައިދޫ ވައިބަރ ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. ކޮމަންޑޫ ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމުގައި ކުރިން ހުރި އަޙްމަދު ރިޟުވާން އިތުރު ދައުރަކަށް ވާދަކުރައްވާކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި “ލަރޭ” އަށް ވާދަކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ނާދިރުގެ މެސެޖަށް ގިނަ ބައެއްގެ ސަޕޯޓް ވަނީ ލިބިފައެވެ.
ވެދުން ސަލާމް.
ޕީ.އެން.ސީ އެތެރޭގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ނައިބު ރައީސްގެ މަޤާމަށް އަޅުގަނޑު ކުރިމަތިލައިފީމެވެ. ތިބޭފުޅުންގެ ތާޢީދު އަޅުގަނޑަށް ދެއްވުން އެދެމެވެ.
ޝުކުރިއްޔާ!
ނާދިރު ޕީއެންސީ ފޯކައިދޫ ވައިބަރ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މިހެންނެވެ.
މަޢުލޫމާތު ލިބޭގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުއްވުމަށް ބޭއްވި ޕްރައިމަރީ އިންތިޚާބުގައި މޮހޮންމަދުބެއާ ވާދަކުރެއްވި ކޮމަންޑޫ ވައްޑެ ސާރ ވެސް ކޮމަންޑޫ ދާއިރާ ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރާނެއެވެ. އެހެންކަމުން ގިނަ ބަޔަކު ދެކޭގޮތުގައި މިފަހަރު ޕީއެންސީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ގަދަހިފުމަކަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު