އެމްޑީޕީން 27 ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި އަންހެނުންގެ ރޫޙުގެ މެންބަރު ކަމަށް ވާދަކުރައްވާ ޒީނިޔާ އޯކޭ ޒާހިރަކީ ޚިދުމަތުގައި ނަމޫނާ ކަނބަލެކެވެ.
ޒީނިޔާ ޒާހިރުގެ ޚިދުމަތުގެ ދަތުރަކީ އިންސާނީ ކުރިއެރުންތަކަށް ހިތްވަރުދިނުމާއި، އަންހެނުންނަށް ދިރިއުޅުމުގެ ޙަޔާތުގައި ތަފާތު ކަންކަމުން ކާމިޔާބު ޙާޞިލް ކުރުމުގެ ރީތި ހަނދާންތައް އާކޮށްދޭނެ ފުރިހަމަ ނަމޫނާއެކެވެ. ސަރުކާރުގައި ކުރި ޕްރޮފެޝަނަލް ދަތުރާއި އެވިޑް ކޮލެޖުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި އަދާކުރި ލީޑަޝިޕް ދައުރުގެ ތެރެއިން ޒިންމާދާރުކަމާއި ކޮމިޓްމަންޓާއެކު މެދުކެނޑުމެއްނެތި އުނގެނުމަށް ކުރި މަސައްކަތަކީ ވެސް އަދުގެ ޒުވާނުންނަށް ރަނގަޅު ނަމޫނާ މިސާލެކެވެ.
ޒިންމާދާރު މަސައްކަތާއެކު ވެސް އިސްތަށިގަނޑާއި ރީތިކަމާއި މޫނުމަތީގެ ދުޅަހެޔޮކަމަށް ބޮޑު ސަމާލުކަމެއް ދީގެން އަމިއްލަ މީހާގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަކީ އޭނާ ވަރަށް ޝައުޤުވެރިވާ ކަމެކެވެ. ހޮބީއެއްގެ ގޮތުގައި ފެށި ކަންތައް މަޑުމަޑުން ބޮޑުވެ، މުއައްސަސާއަކަށް ބަދަލުވެ، ޕްރޯ އޭޖް އެސްތެޓިކްސް އެކަޑަމީ ނަމުގައި ވުޖޫދުކުރުމާއި، ނިއޯ ލިފްޓިންގ އާއި، ބަކަލް މަސާޖް އާއި، ލޮލުގެ ރީތިކަމާއި ދުޅަހެޔޮކަމަށް ޚާއްސަ ތަމްރީނުތައް ހޯދާފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި ނިއޯ ލިފްޓިން އަދި ބަކަލް މަސާޖް ތެރަޕިސްޓަކަށް ވުމުގެ ޝަރަފު ހޯދާފައި ވެއެވެ.
މީގެ އިތުރުން ވެސް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޓްރެޝަރާގެ ހައިސިއްޔަތުން އިޖްތިމާޢީ ޚިދުމަތަށް ވަގުތު ދިނުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ޕްރޮފެޝަނަލް ޒިންމާތަކާއި އާއިލާގެ އަދި އަމިއްލަ ޝައުގުވެރިކަން ބެލެންސް ކުރުމަކީ އަބަދުވެސް ފަސޭހަކަމެއް ނޫން ނަމަވެސް، އަންހެނުނަށް ވެސް އަމިއްލަ ހޯދުން ނުވަތަ އުފާވެރިކަން ލިބޭ ކަންތައްތައް ކުރިއަށް ގެންދިއުން ހުއްޓާލަން ނުޖެހޭނެކަން އޭނާ ޤަބޫލުކޮށް، އަންހެނުންގެ ޙައްޤުގައި ވަކާލާތު ކުރެއެވެ.
ޒީނިޔާ ދެކޭގޮތުގައި މީހެއްގެ ކާމިޔާބީއަކީ އެއް ކަމަކުން ނުވަތަ އެއް ލަގަބަކުން ކަނޑައެޅޭނެ އެއްޗެއް ނޫނެވެ. އެއީ އުނގެނުމުގައި ދެމިހުރުމާއި، އާ ފުރުސަތުތައް ބަލައިގަތުމާއި، ތަފާތު ދާއިރާތަކުން ކުރިއަަށް ދިއުމުގެ ހިތްވަރު ލިބިގަތުމެވެ.
އޭނާގެ ދަތުރުގައި ޒުވާން އަންހެން ކުދިންނަށް ހަނދާންކޮށްދެނީ ޒިންމާއާއި ޝައުގުވެރިކަމުގެ ތެރެއިން ވަކި ކަމެއް އިޚްތިޔާރު ކުރަން ނުޖެހޭ ކަމެވެ. އަދި އެމީހުންގެ ކުރިމަގު ބިނާކޮށް، ޝައުގުވެރިކަން އާލާކޮށް، ކާމިޔާބީގެ އަމިއްލަ މާނަތައް އުފެއްދިދާނެ ކަމެވެ.
ޒީނިޔާގެ ކެންޑިޑޭޓް ނަންބަރަކީ 16 އެވެ. އޭނާގެ އެދުމަކީ އެމްޑީޕީގެ އަންހެން ބޭފުޅުން އޭނާއަށް އިތުބާރުކޮށް، 27 ނޮވެމްބަރުގައި އޮންނަ އެތެރޭގެ އިންތިޚާބުގައި ވޯޓުދެއްވާ އަންހެނުންގެ ރޫޙުގެ މެންބަރުކަމަށް އިންތިޚާބު ކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު