ދިވެހި ޙާޖީން މައްކާގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިފަހަރު ކުރެއްވި ދަތުރަކީ ވީއައިޕީ ދަތުރެއްކަން ޚުދު އެބޭފުޅުންގެ ސޯޝަލް މީޑިޔާ ބަލައިލުމުން ކަށަވަރުވާނެއެވެ. ޙިއްސާކުރައްވާފައިވާ އުފާވެރި ވަގުތުކޮޅުތަކަކީ އެފަދަ ވީއައިޕީ ދަތުރެއްގައި ނޫނީ ނުފެންނާނެ ކަންކަމެވެ.
އަނެއްކޮޅުން އެ މާތް ބިމުގައި ފައިތިލަ ޖައްސާލަން ބޭނުންވާތީ ކިޔޫގައި ޖެހިގެން އެތައް ބަޔަކު އެބަތިއްބެވެ. އެތައް ގުލާނެއްކޮށް ދާއޮހޮރުވައިގެން ޙަލާލު ގޮތުގައި އެއްކުރި ފައިސާ ޙައްޖު ކޯޕަރޭޝަނަށް ދައްކައިގެން އިންތިޒާރުގައި ތިބި އެތައް ބަޔެކެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ މަތިވެރި ނަސީބު ލިބޭތޯ ލިސްޓުގައި އެމީހުން ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެން ނަމަވެސް، އެ ނަސީބު ލިބުނީ ލިސްޓްގައި ނަން ނޯޓުކުރާންތިބިތާގެ މީހުންނަށެވެ. އަދި އެއީ ވެސް ބޮޑެތި މުސާރަތައް ލިބޭ ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ޢިއްޒަތްތެރިންނެވެ.
ވީއައިޕީ ޙައްޖު ލިބުނު ނަޞީބުވެރިންގެ ތެރޭގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ބޯޑްރޫމްގައި ގޮނޑިއެއް ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، އެބޭފުޅުންގެ ތިމާގެ މީހުންނާއި ރައްޓެހިންނަށެވެ. ތަފާތު އެކި އެކި ނަން ނަމުގައެވެ. ޙައްޖު ޤާފިލާގެ އޮފިޝަލުންނާއި އެހީތެރިންނާއި، ކައްކާ މީހުންނާއި، ވެއިޓަރުންނާއި، ސުޕަވައިޒަރުންގެ ނަމުގައެވެ. މަކަރުން މޮޅެއް ހޯދާން އަމިއްލައަށް ދިން ޒިންމާތަކަކާއި ނަންތަކެއްގެ ނިވަލުގައި އެހެން މީހުންގެ ނަސީބު ލޫޓުވި އިމްތިޔާޒުތަކަކުންނެވެ.