ކޮއްތު ފައިސާގެ މައްސަލައިގައި ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް ޑީމޯޓު ކުރަނީ

ޝާން މުޙައްމަދު | 29 އޮކްޓޯބަރ 2025 | ޚަބަރު

ކޮއްތު ފައިސާގެ މައްސަލައިގައި ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް ޑީމޯޓު ކުރަން ނިންމައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ށ. މިލަންދޫ ޕޮލިސްޓޭޝަންގައެވެ. އެގޮތުން އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލާގައި މިހާތަނަށް ހަތަރު ފުލުހަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

Advertisement
Advertisement

މި މައްސަލައާއި ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެެސެޖެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ލަފާ ދޭން އެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ބެލި ބައެއް ފުލުހުން ޑީމޯޓު ކުރަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންތައް މާލެ ގެނެސްގެންނެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.