ސޯޝަލް މީޑިއާ ޕްލެޓްފޯމް “އަޕްސްކްރޯލްޑް” އުފެއްދީ ފަލަސްޠީނު މީހެއް

މިލައުތުރު | 3 ފެބްރުއަރީ 2026 | ރިޕޯޓު

އަލަށް ތައާރަފުކޮށްގެން އުޅޭ “އަޕްސްކްރޯލްޑް” ނަމަކަށް ކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އީޖާދުކުރީ އޮސްޓްރޭލިއާ ގައި މިހާރު ދިރިއުޅެމުން ގެންދާ ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ އިއްސާމް ހިޖާޒީ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ޤައިދުކުރުމުގެ ޙަމަލާތަކުގައި އޭނާގެ އާއިލާގެ 60 މެންބަރުން ވަނީ ޝަހީދުކޮށްލާފައެވެ. އެކަމުން ލިބުނު ހިތްދަތިކަމާއި، އެކަމާ ދެކޮޅަށް އަޑުއުފުލުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އަމިއްލަ ޕްލެޓްފޯމެއް އީޖާދުކުުރުމަށް ގަސްދުކުރުމުގެ ނަތީޖާއަކީ އަޕްސްކްރޯލްޑް ވުދޫޖު ވެގެން ދިއުމެވެ.

އައިޓީގެ ދާއިރާގެ ފަންނީ މާހިރަކަށް ވާތީ ދުނިޔޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ އައިބީއެމް އާއި އޮރެކަލް ފަދަ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ލިބިފައި ވެއެވެ. އެހެން ނަމަވެސް، އެ ހުރިހާ ވަޒީފާގެ ފުރުޞަތުތައް ދޫކޮށްލުމަށް ފަހު އޮސްޓްރޭލިއާ އަށް ހިޖުރަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފެއްދުމުގެ މަސައްކަތް ފެށިއެވެ. އިއްސާމަށް މިހާރު ވަނީ އޮސްޓްރޭލިއާގެ ރައްޔިތުކަން ވެސް ލިބިފައެވެ.

އަޕްސްކްރޯލްޑް އަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ މިފަދަ ޕްލެޓްފޯމަކަށް ވަނީ ވެފައެވެ. އެގޮތުން މުސްލިމުންގެ މެދުގައި މަޤްބޫލުކަން ވަނީ އިތުރު ވެފައެވެ. އަދި ޔޫއެސް އެޕްސްޓޯރުގެ 1 ވަނަ އަށް ވެސް އަރާފައި ވެއެވެ. އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކް ވެސް ފަހަތައް ޖައްސާލާފައި ވެއެވެ.

މި ޕްލެޓްފޯމް ވެފައިވަނީ އެއްވެސް ސެންސަރުކުރުމެއް ނެތި ޚިޔާލު ފާޅުކުރެވޭ ވަސީލަތެއްގެ ގޮތުގައެވެ. އެހެން ކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.