ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރި އަމީން މިއާގެ ހަށިގަނޑު އޮތީ ކުނިތަކާއެކު އެއްލައިލެވިފައި – ފުލުހުން

މިލައުތުރު | 1 ފެބްރުއަރީ 2026 | ޚަބަރު

ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ ހަށިގަނޑު އޮތީ ކުނިތަކާއެކު އެއްލައިލެވިފައި ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފުލުހުން އިދާރާއިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައެވެ.

ފުލުހުން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.

އަދި މައްސަލައާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އެދިފައި ވެއެވެ. ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.