ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް މިފަދައިން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދިނުމަށް ގޮވާލާފައެވެ. އަދި މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ސަރުކާރުން ތަބާވާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިންގެ ގިނަ ބަޔަކު މިހާރުވެސް ބަލައިގަންނަ ކުރީގެ ނައިބު ރައީސް ފައިސަލް ވަނީ ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދިއުމާއި ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރިތަކަށް ވެސް ގޮތްހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު،” ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރަށް އެ މަނިކުފާނު ވަނީ ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ނުރައްކާތެރި ހިސާބަކަށް ދިއުމުގެ ކުރިން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ރާއްޖެ އަށް މިހާރު އޮތް ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާ ވެސް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު