ފުވައްމުލައް ސިޓީގައި ސަރުކާރުން ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީއެއް ހުޅުވައިފި އެވެ.
މި ލެބޯޓްރީ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މަރިޔާ އެވެ. މި ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ހާއްސަ ލެބޯޓަރީގެ އިންފްރާސްޓްރަކްޗާގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށެވެ.
ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީން ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިންގެ އިތުރުން، ދިރާސާކުރާ ފަރާތްތަކާއި، އެކްސްޓެންޝަން އޮފިސަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި، މޫސުމަށް ހޭނޭ، އަދި ރައްކާތެރި ދަނޑުވެރިކަން ކުރިއެރުވުމުގައި ލެބޯޓަރީން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ލެބޯޓަރީ ގާއިމުކުރެވިފައިވަނީ ޔޫއެންޑީޕީގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ) ގެ ދަށުންނެވެ. މި މަސައްކަތަށް ޖަޕާން ސަރުކާރުގެ އެހީތެރިކަން ލިބިފައިވާއިރު، މި ޕްރޮޖެކްޓް ތަންފީޒުކުރެވިފައިވަނީ ޔޫއެންޑީޕީ މެދުވެރިކޮށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު