ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދޭ އިނާޔަތް ކުޑަކުރުމުގެ ހިޔާލު ގެންގުޅުއްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިކަމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
އިއްޔެ ރައީސް ކުރެއްވި އެ މެސެޖުގައި ވިދާޅުވީ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކުޑަކުރުމަށް ތާއީދުކުރައްވާ ކަމަށާއި ރައްޔިތުން ވެސް އެދެނީ އެގޮތަށް ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ވަކި ގޮތަކަށް ހުށަހެޅުއްވުމެއް ހުށަހެޅުއްވުމަށް ރައީސް އަންގަވާފައެއް ނުވެއެވެ.
މިފަދަ ހިޔާލެއް ރައީސް ގެންގުޅުއްވާކަން ހާމަކުރެއްވި އިރު ކުރީގެ ރައީސުންނަށް ސަރުކާރުން އިނާޔަތުގެ ގޮތުގައި އެކި މިންވަރަށް ފައިސާ ދެއްވައެވެ. އެގޮތުން އެއް ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް 75،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ. އޭގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ކުލީގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ކުރީގެ ރައީސުންގެ ތެރެއިން ދައުލަތުން އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ.
ކުރީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ވެސް ދައުލަތުން ދަނީ އިނާޔަތް ދެއްވަމުންނެވެ. އެގޮތުން އުމުރުން 55 އަހަރު ވެފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ އިރު، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނަށް ހެލްތު އިންޝައަރެންސް ވެސް ހަމަޖައިސައިދެއެވެ.
ކިޔުންތެރިންގެ ހިޔާލު