ދައުލަތުން އެދިގެން ޝަރުތުތަކަކާއެކު ޝަމްއާން ދޫކޮށްލައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ދޫކޮށްލިއިރު އޭނާ ހުރީ އެނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޝަމްއާން ހައްޔަރުކުރީ އޭނާ ވަޒީފާގައި ހުރެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގަ އެވެ. އަދި އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ޝަމްއާންގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް މިހާރު ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް ނިންމާފައިވާ ކަމަށެވެ.
ޕީޖީން ބުނީ ޝަމްއާން ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައި ކަމަށެވެ. ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން އެކަކަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.
ޝައްމާން މަގާމުން ވަކިކޮށް ހައްޔަރުކުރީ މާރިޗު މަހުގެ 22 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު