ފާއިތުވި ދުވަސްތަކުގައި މާލެ ސަރަހައްދުގެ ވައި ނުސާފުވާން ފަށާފައިވާއިރު މިހާރު ކަންބޮޑުވާ މިންވަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމުގެ ސަބަބުން ރަތް ސަމާލު ނެރެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރަތް ސަމާލު ނެރެފައިވާއިރު ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.
މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
މި ހާލަތުގައި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އެޗްޕީއޭއިން ވަނީ، ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލަން އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު