އެމްޑީޕީގެ ލީޑަރޝިޕުން ވެސް ށ. ފޯކައިދޫ ނަމޫނާއަކަށް ބަލަންޖެހޭ – އަލީ ރިޒާ

މިލައުތުރު | 9 އޭޕްރީލް 2026 | ސިޔާސީ

އެމްޑީޕީގެ ލީޑަރޝިޕުން ވެސް ށ. ފޯކައިދޫ އެމްޑީޕީ ނަމޫނާއަކަށް ބަލަންޖެހޭ ކަމަށް މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ޢިއްޒަތްތެރި މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.

އަލީ ރިޒާ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ށ. ފޯކައިދޫ އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، ޝުކުރު ދެެންނެވުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޯކައިދޫގެ ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި އަލީ އިތުރަށް ވިދާޅުވީ، ފޯކައިދޫ ކައުންސިލްގައި މިހާރު ތިއްބެވި ބޭފުޅުން ފަހަތައް ޖެހިވަޑައިގެން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރެއްވުމަށްޓަަކައި އާ ބޭފުޅުންނަށް ފުރުސަތު ދެއްވައި ދެއްކެވި ޑިމޮކްރަސީގެ ރިވެތި ނަމޫނާއިން އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި އެންމެ އިސް ލީޑަރުން ވެސް އިބުރަތް ޙާޞިލުކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުނީ ރައްޔިތުންގެ ތާއީދު ނެތިގެން ނޫންކަމަށާއި، ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލަތައް ޙައްލު ނުވުމުގެ ސަބަބުން ކަމަށް ވިދާޅުވެ، އަލީ ރިޒާ ގޮވާލެއްވީ ވީ އެންމެ އަވަހަށް ރިޔާސީ ކެންޑިޑޭޓެއް ނެރެދެއްވައި ކުރިއަށްދާނެ މަގު ދައްވައިދެއްވުމަށެވެ. އަލީ ރިޒާ އިޝާރާތް އެކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފަތުވުންތަކާއި ނުތަނަވަސްކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ސާފުވެ ޔަޤީންވާ ކަމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ފަސޭހަކަމާއެކު ކާމިޔާބުކުރުމަށް ބޭނުންވާ ތާއީދު އެމްޑީޕީއަށް އޮތްކަމެވެ. އަދި މިހާރުގެ ސަރުކާރަކީ އެއްވެސް ކަމެއްވާ ސަރުކާރެއް ނޫންކަމަށާއި، އިތުރު ފުރުސަތެއް ދެން ނުލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.