ރައްޔިތުންގެ އާމްދަނީ އެކައުންޓުގައި ބާކީ ހުރީ އެންމެ 78 ހާސް ރުފިޔާ – ށ. ފޯކައިދޫ ކައުންސިލް

މިލައުތުރު | 18 ޖޫން 2026 | ޚަބަރު

ށ. ފޯކައިދޫ ކައުންސިލްގެ މާލީ ޙާލަތު މިއަދު އާއްމު ކޮށްފައިވާއިރު، ހިސާބުތަކުން ފެންނަގޮތުގައި ރައްޔިތުންގެ އާމްދަނީ އެކައުންޓުގައި ބާކީ ހުރީ އެންމެ 77،999.98 ރުފިޔާ ކަން ހާމަވެއްޖެ އެވެ.

ފޯކައިދޫ ކައުންސިލަށް އިންތިޚާބުވި އައު ކައުންސިލް މެންބަރުން ޙަވާލުވީއިރު، މުއައްސަސާގެ މާލީ ޙާލަތު ހުރިގޮތް މިއަދު ވަނީ އާއްމު ކޮށްފައެވެ. ކައުންސިލްގެ މާލީ ޙާލަތު ބަޔާންކޮށް ފޯކައިދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ރައްޔިތުންނަށާއި، ވިޔަފާރި ކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާ ޚަލާސްކޮށްފައެއް ނެތެވެ. ރުއްގަހުގެ ބަދަލުގެ ގޮތުގައި ރައްޔިތުންނަށް ދޭންޖެހޭ 433،231.76 ރުފިޔާ ދީފައެއް ނުވެއެވެ. އަދި ކައުންސިލް އިދާރާގެ ކަރަންޓު ފީގެ ގޮތުގައި ފެނަކައަށް ނުދައްކާއޮތް ބިލްތަކުގެ ޖުމްލަ 1.1 މިލިޔަން ރުފިޔާއަށް އަރައެވެ. އަދި ކައުންސިލުން ފަށާފައިވާ އެކިއެކި މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ 2.15 މިލިޔަން ރުފިޔާއަށް ވުރެ ބޮޑެވެ.

Advertisement

ފޯކައިދޫ ކައުންސިލުން ދައްކަންޖެހޭ ދަރަނީގެ ޖުމްލަ 4.25 މިލިޔަނަށް އަރައެވެ. ނަމަވެސް ކައުންސިލްގައި މިވަގުތު ހުރީ އެކު ޖުމްލަ 7 ލައްކަ ރުފިޔާ އެވެ. އެހެންކަމުން ފޯކައިދޫ ކައުންސިލްގެ މާލީ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ފޯކައިދޫ ކައުންސިލުން މިއަދު ހާމަކުރި މާލީ ހިސާބުތަކުން ފާހަގަވާ އެހެން ކަމެއް ވެސް އެބައޮތެވެ. ކައުންސިލްގެ ތިޖޫރީގައި ނަގުދު ފައިސާގެ ގޮތުގައި 108،290.33 ބަަހައްޓާފައި ވެއެވެ. މިއީ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަން ޖެހޭ އެހެން ނަމަވެސް ޖަމާނުކޮށް ހުރި ފައިސާއެވެ.

ށ. ފޯކައިދޫ ކައުންސިލްގެ 4 ވަނަ ދައުރު ނިމުނުއިރު، މާލީ ޙާލަތު ހުރި ގޮތުން އައު ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އަދި ފަށާފައި ނުނިމި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.