ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް އޭ ގައި މިއަދު ބައްދަލުކުރީ ޑީ.އެމް.ޓީ އަދި ފަހި އެފްސީއެވެ. މިއަދު ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމެޗު ޑީ.އެމް.ޓީ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-7 ލަނޑުންނެވެ. މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޑީ.އެމް.ޓީ ޓީމުގެ ޖާޒީ ނަންބަރ 7 ތޯޢިފްއެވެ. މި މެޗުގައި ތޯޢިފް ވަނީ 2 ގޯލު ޖަހާފައެވެ. މީގެ އިތުރުން ޑީ.އެމް.ޓީ ޓީމަށް މިއަދުގެ މެޗުގައި އޮބާރު،ތަކަނޭ އަދި ޝާހިލް ވަނީ ގޯލް ކާމިޔާބުކޮށްދީ ނަތީޖާ ފުޅާކޮށްދީފައެވެ.
މެޗުގެ ކުރީ ކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ފަހި އެފްސީއަށް ވެސް ލިބިގެންދިޔައެވެ. ނަމަވެސް ޑީ.އެމް.ޓީގެ ކީޕާރ ނައްސެގެ ފަރާތުން ފެނިގެންދިޔައީ މޮޅުކުޅުމެކެވެ. ގޯލަށް އަމާޒުވި އެތައް ހަމަލާއެއް ނައްސެވަނީ ދިފާޢުކޮށްފައެވެ.
ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް ބީ ގައި މިއަދު ބައްދަލުކުރީ ބީ.އެލް.ބީ އަދި ކޭޑީ ޕާކެވެ. މިމެޗު ކޭޑީ ޕާކުން ކާމިޔާބުކޮށްފައިވަނީ 0-3 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭޑީ ޕާކު ޓީމުގެ ޖާޒީ ނަންބަރ 11 ސުމާމްއެވެ. ސުމަޅޭގެ ފަރާތުން މިއަދު މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ބީ.އެލް.ބީ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ގްރޫޕް ސްޓޭޖްގެ ފޯރި ގަދަވަމުން ދާއިރު މި މުބާރާތުގެ ދެ މެޗެއް މާދަމާ ހަވީރު ވެސް ކުރިއަށްދާނެއެވެ. އެގޮތުން މުބާރާތުގެ މާދަމާ ހަވީރު 16:15ގައި ބައްދަލުކުރާނީ ރިޓަޔާޑް އެފްސީ އަދި ކޭޑީ ޕާކެވެ. މި މެޗުން ކޭޑީ ޕާކު މޮޅުވެއްޖެ ނަމަ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ރިޓަޔާޑް އެފްސީ ވަނީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދެމެޗުން ބަލިވެފައެވެ. މާދަމާ ދެވަނަ މެޗުގައި 17:15 ގައި ބައްދަލުކުރާނީ ވައިޓް ރައިޑާސް އަދި އޯ.ބީ.ޓީއެވެ. މި މެޗުތައް ވެސް މީ އޭ މައިލޯ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.
މި މުބާރާތުގެ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވަނީ ފޯކައިދޫއަށް ނިސްބަތްވާ ޒުވާން ދެ ރެފްރީންނެވެ. އެއީ މުހައްމަދު އަފްރާހް އަދި މައުމޫން ރަޝީދެވެ. ދެ ބޭފުޅުންވެސް ވަނީ ރެފްރީ ކޯސް ފުރިހަމަކޮށްފައެވެ. މި މުބާރާތުގެ މެޗުތަކުގައި ރެފްރީކަން ކޮށްދެނީ އެއްވެސް އަގަކާނުލާކަން ފާހަގަކުރަމެވެ. ޒުވާނުންގެ ފަރާތުން މުބާރާތަށް އެއްބާރުލެއްވުން ލިބޭކަމީ މިފަދަ މުބާރާތްތައް ފުރިހަމަކޮށް ކުރިއަށް ގެންދެވޭ މައިގަނޑު ސަބަބެވެ.