އެސްޑީއެފްސީން މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވީ ނަމަވެސް އޭގެ %36 ޕަސެންޓު ފައިސާ ލިބިފައެއް ނުވެއެވެ.
އެކި ފަހަރު މަތިން އެކި ނަން ނަމުގައި ވިޔަފާރިކުރުމަށް ލޯނުތައް ދޫކޮށްފައި ވެއެވެ. ނަމަވެސް އޭގެ ޙަޤީޤީ މަންޒާ އިޤްތިޞާދަށް ކުރާތަނެއް ނުފެނެއެވެ. އަދި އެފަދަ ލޯނުތަކުގެ އެހީގައި ވިޔަފާރިތައް އިތުރުވެ، އިޤްތިޞާދުގައި ދައުރުވާ ފައިސާ އާއި، ޙަރަކާތްތަކާއި، ވަޒީފާތައް އިތުރުވާތަނެއް ވެސް ނުފެނެއެވެ. އޭގެ ބަދަލުގައި މައްޗަށް ދަނީ އާންމުކޮށް ގަންނަންޖެހޭ މުދަލާއި ޚިދުމަތުގެ އަގުތައް ކަމުގައި ވަނީ ވެފައެވެ.
ކޮންމެ ސަރުކާރަކުން ވެސް ބުނަނީ ކުރީ ސަރުކާރުން ކަން ކުރީ ގޯސްކޮށް ކަމަށާއި، ވަރަށް އަވަހަށް ކަންކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ނަތީޖާއެއް ޙާޞިލްވާތަނެއް ރައްޔިތުންނަކަށް ނުފެނެއެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް އެންމެ މޮޅު މީހުން ވެރިންގެ ގޮތުގައި އައްޔަނު ކުރެއެވެ. އަދި އިރުއިރުކޮޅާ ބަދަލުވެސް ކުރޭމެއެވެ. އަދި މިސަރުކާރުވަނީ މިކަމުގައި ހަރުފަތެއް މައްޗަށް ޖައްސާލާފައެވެ.
އެސްޑީއެފުން ގޯސްކުރީ ލޯނު ގަނާ ފަރާތްތަކެވެ. އެގޮތުން ނުރަސްމީ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަައް ހިންގާ ފަރާތްތަކުގެ މާލީ ހޭލުންތެރިކަމެއް ނެތީއެވެ. އަދި ފައިސާ ގެންގުޅޭގެ ގޮތްތަކާއި މާލީ ހިސާބުތައް ހަދާނެގޮތް ދަސްކޮށްދޭ އަސާސީ ކުލާސްތައް ވެސް ހިންގަމުން ގެންދެއެވެ.
އަދި އިޤުތިސާދީ ހީނަރުކަމެއްގެ އަސަރު ކުރަމުންދާ ކަމަށް ފުރަތަމަ ފަހަރަށް އެ ބޭންކުން އެއްބަސް ވެއެވެ. މީގެ އިތުރުން ވެސް ބައެއް ގޮންޖެހުންތަކުގެ ސަަބަބުން ވިޔަފާރިތައް ފެށުމުގެ މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ނުނިންމޭ ކަމަށާއި، ބައެއް ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ރީޓެއިލް ވިޔަފާރިތަކަށެވެ. އެއީ ޖުމްލަ 205.9 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ގެސްޓް ހައުސް ވިޔަފާރިތަކަށެވެ. އެއީ 403.88 މިލިއަން ރުފިޔާ އެވެ. މިހުރިހާ ފައިސާގެ ތެެރެއިން ބޮޑު ބައެއް ރިކަވާކުރެވިފައެއް ނުވެއެވެ. ސުވާލަކީ މީގެ އިތުރުން ޑިވެލޮޕްމަންޓް ބޭންކެއް ހަދައިގެން ކުރާން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟