އައްޑޫ ރޫޅާލުމަށް ނަގާ ވޯޓަށް ރީ ރަޖިސްޓްރޭޝަން ވުމުގެ މުއްދަތު އިތުރުކޮށްފި

ޝާން މުޙައްމަދު | 17 އޮކްޓޯބަރ 2025 | ޚަބަރު

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީ ރޫޅާލުމަށް ސަރުކާރުން ނަގާ ވޯޓަށް ރީ ރަޖިސްޓްރޭޝަން ވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

އައްޑޫ ރިފަރެންޑަމްގެ ނަމުގައި ސަރުކާރުން އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގެ ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިކަމަށް ގޮތެއް ނިންމުމަށް ވޯޓެއް ނަގަން ހަމަޖެހިފައިވަނީ މި މަހު 25 ގައެވެ.

Advertisement
Advertisement

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓު ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯޓުގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާދަމާ އިރުއޮއްސި 06:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މި ވޯޓަށް ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 އަދި މީދޫގައި ވެސް 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެ ރަށްރަށަށް ނިސްބަތްވާ މީހުން ވޯޓްލާން މާލޭގެ އެއް ތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ. އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ 1 ފޮށްޓެކެވެ.

ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.