ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކުރި ފަހުން ވެސް ޣައްޒާއަށް ހަމަލާދީ މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލްގެ ސިފައިން ދަތުރުކުރި އުޅަނދަކަށް ޙަމާދިންކަމަށް ބުނެ، އަލުން ބޮންއަޅަން ފެށީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައެވެ. އިޒްރޭލް ސިފައިންގެ ދެމީހަކު މަރުވީ އެމީހުން ޣައްޒާއަށް އެޅި ބޮންތަކުގެ ތެރެއިން ނުގޮވާ ހުރި ބޮންތަކެއްގައި ޚުދު އެމީހުން ބޭނުންކުރި ބުލްޑޯޒަރެއްގެ ދަތްގަނޑުން ޖެހި ގޮވުމުގެ ސަބަބުންކަން ހާމަވެއްޖެ އެވެ.
މިކަން އެމެރިކާއަށް ވެސް އެނގޭ ކަމަށާއި، އިޒްރޭލުން އުޅެނީ ބަހަނާތައް ދައްކައިގެން އަލުން ހަނގުރާމަ ފެށުމަށް ކަމަށް ހަމާސް ބުނެއެވެ. އަދި ނަތަންޔާހޫ ހުރީ ޣައްޒާގެ މުސްލިމުންގެ ލެޔަށް ފެންބޮވައިގެންފައި ކަމަށެވެ.
އިޒްރޭލްގެ ހަމަލާތަކަށް ރައްދު ނުދިނުމަށް އަރަބި އިސްލާމީ ޤައުމުތަކުން ހަމާސްއަށް ގެންދަނީ ޕްރެޝަރު ކުރަމުންނެވެ. އެއީ އަނެއްކާ ވެސް ހަނގުރާމަ ކޮންޓްރޯލުން ނައްޓާލަފާނެތީ ކަމަށް ބެލެވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ހަމަޖެހިލައިގެން ނޭވާއެއް ލާނެ ފުރުސަތު ބޭނުންވެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ޣައްޒާގެ ބައެއް ސަރަހައްދުތައް ވަނީ އަމާންވެފައެވެ. އަދި އެ ސަރަހައްދުތަކުގައި މީހުން މަޑު މަޑުން ގެންދަނީ ދިރިއުޅުން އާންމު ޙާލަތައް ގެނައުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގެ މަގުތަކާއި އިމާރާތްތައް ވަނީ ސާފުކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު