އައްޑޫ ރޫޅާލާ ވޯޓަށް އެކަނިވެސް 800،000 ރުފިޔާ ހަރަދުވާނެ: އީސީ

ޝާން މުޙައްމަދު | 22 އޮކްޓޯބަރ 2025 | ޚަބަރު

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އާބާދީ ބޮޑު އައްޑޫ ސިޓީ ރޫޅާލާ ވޯޓަށް އެކަނިވެސް 800،000 ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ބުނީ އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަށް 700،000-800،000ރ. އާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށެވެ.

Advertisement
Advertisement

އައްޑޫ ސިޓީ ފޭދު އާއި މީދު އަދި ހުޅުދު އަށް ހާއްސަކޮށްގެން ނަގާ މި ވޯޓްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މި ވޯޓު ނެގުން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުގައެވެ. އަދި މިކަމަށް ނަގާ ވޯޓަށް ބަހައްޓަނީ ޖުމްލަ 18 ވޯޓް ފޮށި ކަމަށް އީސީން ބުނެއެވެ. އެ ކޮމިޝަނުން ބުނީ މި ފޮށިތައް ބަހައްޓާނީ ފޭދޫ އާއި މީދޫގެ އިތުރުން މާލޭގައެވެ.

އައްޑޫގައި ޖުމްލަ 11 ފޮށި ބަހައްޓާއިރު މާލޭގައި ބަހައްޓާނީ 7 ފޮށި ކަމަށް އީސީން ވަނީ ބުނެފައެވެ. އެގޮތުން އައްޑޫގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން ފޭދޫގައި ފަސް ފޮށި އަދި މީދު އާއި ހުޅުދޫން ކޮންމެ އަވަށެއްގައި 3 ފޮށި ބަހައްޓާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ވޯޓުލުން ފަށާނީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓުލުން ނިންމާނީ ހަވީރު 4:00 އަށެވެ. މި ފެންނަ ނުފެންނަ ވޯޓުލުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 9،576 މީހަކަށެވެ. އެގޮތުން ފޭދޫން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބޭ އިރު ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ.

އައްޑޫގައި މި ބާއްވާ ރެފަރެންޑަމަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ދާދި ފަހުން އެކުލަވާލި ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ މިފަދަ ފުރަތަމަ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.