އިޚްލާސްތެރިކަމެއްނެތް ވެހިކަލް ޓޯކުރުމުގެ ޑްރާމާގެ އިތުރު އެޕިސޯޑެއް ފެށިއްޖެ.

މިލައުތުރު | 10 ޑިސެމްބަރ 2025 | ރިޕޯޓު
3

މާލެ އާއި ހުޅުމާލޭގައި ހުރި ހުރިހާ ކާރެއް ޓޯކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ މަސްތަކެއް ފަހުން އަނެއްކާ އިތުރު އެޕިސޯޑެއް ފަށައިފި އެވެ.

Advertisement

ކުރީ ފަހަރު ޓޯކުރި ހަތަރު ފުރޮޅުލީ ވެހިކަލްތައް ހުޅުމާލޭގައި ބިންތައް ހުސްކުރުމަށް ފަހު އަދިވެސް ހުރީ ބަހައްޓާފައެވެ. އެފަހަރު ފުލުހުން ބުނީ މައްސަލަ ޙައްލުވީ ކަމަށެވެ. އެހެން ނަމަވެސް އެއީ ޙައްލެއް ނޫންކަން ކުރިންވެސް އެނގެއެވެ. ޙަޤީޤަތުގައި ކުޅެވުނީ ސިޔާސީ ޑްރާމާއެކެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނަށް ވެސް ކޮންމެވެސް ކަމެއް ކުރަންޖެހޭ ފަދައެވެ. އަދި ވެހިކަލް ޓޯކުރުމަކީ އެމީހުންނަށް އެންމެ ފަސޭހައިން އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ކަމެއް ކަމުގައި ޤަބޫލުކުރެވޭ ކަހަލައެވެ.

މިފަހަރު ވެހިކަލްތައް ނަގާގޮތަށް ގެންދަނީ ތިލަފުއްޓަށެވެ. އަދި ވެރިފަރާތަށް ޖެހެނީ މުދާއުފުލާ ދޯންޏެއް ކުއްޔަށް ހިފައިގެން އަމިއްލަ ޚަރަދުގައި އެ ނަގަން ދާށެވެ. މީހުންނަށް މާލީ ނުކުސާންތައް ޖައްސުވައިގެން ވެހިކަލްތައް މަދުކުރުން އެއީ ސިޔާސަތު ކަމުގައިވާ ނަމަ ދެން ބުނާނެ އެއްޗެއް ވެސް ނެތެވެ. ތިޔަކަމުން ޤިޔާމަތް ދުވަހުވެސް ސަލާމަތެއް ނުވެވޭނެއެވެ.

މިކަމަށް ތާއީދުކޮށް ކޮމެންޓުތައް ކުރާ ފަރާތްތަކުން ބުނަނީ އަދި މާ މޮޅު ވާހަކައެކެވެ. ރައްޔިތުންނަށް އުނދަގޫ ވަނިއްޔޯލައެވެ. އެތައް ހާސް ބަޔެއްގެ އަގު ބޮޑު މުދާ ހަލާކުކުރަމުން ގެންދާއިރު، އެއީ މި ޤައުމުގެ ރައްޔިތުންނަށް ވެސް ނުވަނީތޯއެވެ. ދައުލަތަަށް އެންމެ ބޮޑު އާމްދަނީއެއް ވައްދަނީ ވެސް އެމީހުން ނޫންތޯއެވެ.

މިފަހަރުގެ ޓޯކުރުމުގެ އެޕިސޯޑުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް ޚުދު ފުލުހުންނަށް ވެސް ސާފެއް ނޫނެވެ. މިކަމުން ޔަޤީންވާ ކަމަކީ ހަރުދަނާ އެއްވެސް އުޞޫލެއް ނެތް ކަމެވެ. މިއީ ވެސް ކުޅޭ ސިޔާސީ ޑްރާމާއެއް ކަމެވެ. ފުލުހުންގެ ޚިދުމަތަށް އޮތް އިތުބާރު އިތުރަށް ޚަރާބުވުން ނޫންކަމެއް ޙާޞިލު ވެދާނެ ތަނެއް އަމުދުން ނުފެނެއެވެ. އެހެނީ މީހުންތައް ތިބީ ރަތަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އައްޕަތުރޭ
ވެރިކަން ބަދަލުވާ ދުވަހަކުން މި އާލާތުންގެ މުދާތައް ތަޅާ ތިރިކޮށްލަން ވާނެ، އޭރުން ތިބޭނެ އަނގަ އައްޕަތެއްހެން ޗޭކޮށްގެން.
K Katheebu
ދެރަ ކަމެއް. މީހުންގެ އަގު ބޮޑު މުދާ ހަލާކުކުރަނީ މޮޅު ކަމެއް ނޫން، ނުރައްކާތެރި ކަމެއް!!
އ އަމާ އަދުރޭ
ބަލާވެރިކަމެއްގެ ހުރިހާ ސިފައެއް ފުރިހަމަވާ ސަރުކާރެއް. ކައުންސިލް އިންތިޚާބުގައި މި މީހުން ސައިޒުކޮށްލަން ޖެހޭ.