ކެންސަރު ބަލީގެ ދަފްތަރުގައި 1106 މީހުން އެބަތިބި: އެޗްޕީއޭ

ޝާން މުޙައްމަދު | 3 ފެބްރުއަރީ 2026 | ޚަބަރު

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ކެންސަރު ބަލީގެ ދަފްތަރުގައި 1106 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު އެޗްޕީއޭއިން ބުނީ ކެންސަރު ބަލީގެ ދަފްތަރުގައި މިދިޔަ އަހަރު އެކަނިވެސް މުޅިން އަލަށް 111 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެ އޮތޯރިޓީން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 1،106 މީހުން ކެންސަރުގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ 2020 ވަނަ އަހަރު މި ބަލީގެ 137 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު މި އަދަދު 208 އަށް އިތުރުވެފައިވާ ކަމަށެވެ.

އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑުކުރެވިފައިވަނީ 2022 ވަނަ އަހަރުގައި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އެ އަހަރު ޖުމްލަ 244 މީހަކަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 211 ކޭސް ރެކޯޑުކުރެވުނުއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 195 އަށް ތިރިވެފަ އެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރަކީ ކެންސަރު ބަލީގެ އާ ކޭސްތައް އެންމެ މަދުން ފެނުނު އަހަރެވެ. އެ އަހަރު ރެކޯޑުކުރެވިފައިވަނީ ޖުމްލަ 111 ކޭސް އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.