ތުޅާދޫ ސްޕޯރޓްސް ކުލަބުން 196 ބައިވެރިންނާއި އެކު، 20 ނޮވެމްބަރ އިން 22 ނޮވެމްބަރގެ ނިޔަލަށް އެ ކުލަބުގެ އިދާރާގައި ކުރިއަށް ގެންދިޔަ 22 ވަނަ ޤުރްއާން މުބާރާތުގެ ނިންމުން 02 ޑިސެމްބަރ 2025 ވީ އަންގާރަދުވަހުގެ ރޭ 08:30 ގައި ތުޅާދޫ ސްކޫލްގެ މަލްޓި ޕާރޕާސް ހޯލުގައި ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ 49 އަހަރު ގުނަމުންދާ ޚިދުމަތްތެރި ތުޅާދޫ ސްޕޯރޓްސް ކުލަބުން އިސްނަގައިގެން ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި ކުލަބުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާއި ބަައްދަލުވުމުގެ ފުރުޞަތު ލިބުމުން ނުހަނު އުފާކުރާ ކަމަށާއި ތުޅާދޫ އަކީ ތައުލީމާއި އަދި މަސައްކަތްތެރި ކަމަށް ނުހަނު އިސްކަންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާއި އެރަށަށް ވަޑައިގަތުމުން ތުޅާދޫގެ ލޮބުވެތި ރައްޔިތުން ކިޔުއްވި ހޫނު މަރުބަޔާއި ދެއްވިމެހުމާން ދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ތުޅާދޫއަށް ރީތިނަން ހޯދަދިން 2 ބައިވެރިންނަށް ހިތްވަރުގެ ފިލާ އަދި ތުޅާދޫ ސްޕޯރޓްސް ކުލަބަށް މި އަހަރުގެ ޤައުމީ ޤުރްއާން މުބާރާތުގައި ލިބުނު ފަޙުވެރިވެރި ޤައުމީ ކާމިޔާބީގެ ހިއްސާދާރުންގެ އަގުވަޒަންކުރުމުގެ ގޮތުން މޫސާ ނުޞައިރު، މިރިހިގަސްދޮށުގެ، ބ.ތުޅާދޫ، ތުޅާދޫ ކައުންސިލް، ތުޅާދޫ ސްކޫލް އަދި ބ.އަތޮޅު ކައުންސިލަށް ޝުކުރުގެ ފިލާ ހަދިޔާކުރުމަށް ކުލަބުން އިންތިޒާމްކޮށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ކުލަގަދަ ރަސްމިއްޔާތުގައި ޖުމްލަ 51 ފަރާތަކަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް، ޓްރޮފީ އަދި ޝީލްޑް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ކުލަބުގެ ރައީސް ޙުސައިން ރަޝީދު، ތުޅާދޫގައި ޤުރްއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން، 31 ޑިސެމްބަރ 2030 ގެ ނިޔަލަށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފުރަތަމަ ތުޅާދޫގެ ރަށްވެއްސަކަށް ތުޅާދޫ ސްޕޯޓްސް ކުލަބުން 25،000 ރުފިޔާ، ޤުރްއާން މުދައްރިސް އަލްމަޙްރޫމް އިބްރާހީމް ޙުސައިންފުޅުގެ ހަނދާނުގައި އާއިލާގެ ފަރާތުން 25،000 ރުފިޔާ އަދި އެބޭފުޅާގެ އަމިއްލަ ވިޔަފާރި ކުންފުނި އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50،000 ރުފިޔާ ހުށަހަޅާގޮތަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް އިއުލާން ކުރައްވާފައެވެ. އަދި ކުލަބުގެ ރައީސްގެ ހުށައެޅުމާއި ގުޅިގެން ތުޅާދޫގައި ހާފިޒުން އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު އަލިމަނިކު ރޭގެ މި ރަސްމިއްޔާތުގައި އެބޭފުޅާގެ އާއިލާގެ ފަރާތުން ތުޅާދޫގެ ތައުލީމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުޙައްމަދުމަނިކު (އެދުރުބެ)، ކަރަންކާއާގެ، ބ.ކުޑަރިކިލު ގެ ހަނދާނުގައި 30،000 ރުފިޔާގެ އިތުރު ހުށައެޅުމެއް މި ރަސްމިއްޔާތުގައި އިއުލާން ކުރެއްވިއެވެ. މި ހުށައެޅުމާއި އެކު ތުޅާދޫގައި ފުރަތަމަ ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތަކަށް 130،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު