ބަރަކާ ޗެރިޓީގެ ހިލޭ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ތަރައްޤީކުރި މެޑިކަލް ލެޓޯޓްރީ ހުޅުވައިފި.

މިލައުތުރު | 5 ޑިސެމްބަރ 2025 | ޚަބަރު

ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ ހިލޭ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި މެޑިކަލް ލެބޯޓްރީ ރަސްމީކޮށް ހުޅުވައި އެތަނުން ޚިދުމަތް ދޭން ފަށައިފި އެވެ.

Advertisement
Advertisement

މި މެޑިކަލް ލެބޯޓްރީ ހުޅުވައިދެއްވީ ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި، ސުވިސް ބަރަކާގެ ކަންޓްރީ ޑިރެކްޓަރ އަދި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީ އާއި، ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނަޢީމްގެ  އިތުރުން ގުޅީ ސިއްހީމަރުކަޒުގެ ވެރިންނާއި، ރަށުގެ ވެރިންނާއި، އަތޮޅުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން ކ. ގުޅީ ސިއްޙީމަރުކަޒަށް އިތުރުކުރެވިފައިވަނީ ހަމައެކަނި ލެބޯޓްރީއެއް ނޫނެވެ. ލެބޯޓްރީގެ އިތުރުން މެޑިކަލް ސްޓޯރޭޖަކާއި ބަލިމީހުންނަށް ޚާއްސަ ފާޚާނާއެއް ވެސް ހިމެނެއެވެ. މި ލެބޯޓްރީ ހުޅުވުމާއެކު އާންމުކޮށް ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ވެސް ގުޅީ ސިއްހީމަރުކަޒުން ހެދޭނެއެވެ. އަދި މި ލެބޯޓްރީގެ ޚިދުމަތް ފަށާފައިވަނީ ދާއިމީ ލެބް ޓެކްނީޝަނަކާ އެކުގައެވެ.

އިއްޔެ ހަވީރު ގުޅީ ސިއްޙީމަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ގިނަ ބައެއްގެ ބައިވެރިވުން ފުރިހަމައަށް ލިބިގެންދިޔަ ނަމޫނާ މަސައްކަތެކެވެ. މިހާ ފުރިހަމަކޮށް، ތަނަވަސްކޮށް ލެބޯޓްރީ އިމާރާތެއް ބިނާކޮށްދެއްވީތީ، އެމަނިކުފާނުގެ ޝުކުރާއި ހެޔޮ ދުޢާ އާއި ތަޢުރީފު ބަރަކާ ޗެރިޓީއަށް ދަންނަވާފައި ވެއެވެ.

މި ޙަފުލާގައި ގުޅީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.