ށ. ކޮމަންޑޫގައި ހިންގާ މަޝްރޫޢަށް ނަގާފައި ތިބި އެމްޓީސީސީގެ ހުރިހާ މުވައްޒަފުން ހަމަ ކުއްލި ގޮތަކަށް ވަކިކުރަން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.
ކުންފުނީގެ އެޗްއާރުން މުވައްޒަފުންނަށް އެކަން އެންގުމަށްޓަކައި ފޮނުއްވި އީމެއިލެއްގައި ބުނެފައިވަނީ، ށ. ކޮމަންޑޫގެ މަޝްރޫޢު ވަނީ ވަކި މުއްދަތެއް ނޭނގޭ ގޮތަށް މަޑުޖައްސާލަން ޖެހިފައިކަމަށާއި، ވަޒީފާގެ އެއްބަސްވުން 22 އޭޕްރީލް 2026 ގައި ނިމޭނެ ކަމަށެވެ. އެހެންކަމުން ސްޓާފް ކާޑާއި، ޔުނީފޯމް ފަދަ އޮފީހުގެ ވަޞީލަތްތައް ދުވަހުގެ 16:00 ގެ ކުރިން ޙަވާލުކުރުމަށް އަންގާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންނަމަ 3031764 ނަންބަރު ފޯނަށް ގުޅުއްވުން އެދޭކަމަށެވެ.
މި ނޫހަށް ލިބިފައިވާ މަޢުލޫމާތުން ކަށަވަރުވާ ގޮތުގައި އެންމެ މުވައްޒަފެއް ފިޔަވާ ދެން ތިބި އެންމެން ވަކިކުރަން ވަނީ ނިންމަވާފައެވެ. އަދި ވަކިކުރާ މީހުންގެ ތެރޭގައި ނުހިމެނެނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްގެ ޅިޔަނު އެކަނި ކަމަށެވެ. އަދި މިކަމާއި ގުޅިގެން ވަރަށް ބޮޑަށް މަސްލަޙަތު ގެއްލިފައިވާތީ، މި ނިންމުން ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ޕްރޮޖެކްޓްގެ އިސްވެރިޔާ އަޙްމަދު އަފްރާޙް ވަނީ މުވައްޒަފުންނަށް މެސެޖެއް ފޮނުއްވާފައެވެ.
މިއަދު ހެނދުނު މުވައްޒަފުން އޮފީހަށް ދިޔައިރު، އެޓެންޑެންސް ސިސްޓަމުން އެމީހުންގެ ފިންގަރ ރީޑް ނުކުރާތީ، ކަންބޮޑުވުން ފާޅުކުރުމުން މުވައްޒަފުންގެ ވައިބަރ ގްރޫޕުގައި އަފްރާޙް ވަނީ ވަޒީފާގެ ޔަޤީންކަން ދީފައެވެ.
ފިންގަރ ޕްރިންޓް ކަންތައް އޮފީހުން ރަނގަޅު ކުރާނެ. ފިންގަރ ޕްރިންޓް ނުޖެހުނު ކަމުގައި ވިޔަސް ވަޒީފާއަށް ޙާޟިރުވި ކަމުގައި ބަލާނެ. އެއީކީ މާ ބޮޑު މައްސަލައެއް ނޫން. އެހެން ވީމާ ހުރިހާ ކުދިން ވެސް ރަށުތެރޭގައި މިވާހަކަ ނުދައްކާ ހަމަޖެހިލައިގެން ތިބުން އެދެން. މީހުން ތިބޭ ތަންތާ މި ވަހަކަ ދެއްކުމަކީ ގޯހެއް. ސައިޓް އެތެރޭގައި ހިނގާ ކަންކަމުގެ ސިއްރު ހިފެހެއްޓުމަކީ ކޮންމެ ކުއްޖެއްގެ ވެސް ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް. ޝުކުރިއްޔާ.
މިއީ މިއަދު ހެނދުނު 8:10 ގައި މުވައްޒަފުންގެ ރަސްމީ ވައިބަރ ގްރޫޕަށް ޕްރޮޖެކްޓް ސައިޓުގެ ވެރިޔާ ފޮނުވާފައިވާ މެސެޖެކެވެ.
ކިޔުންތެރިންގެ ހިޔާލު