ނުރައްކާތެރި ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިމަބިހީގެ އިތުރު ފަސް ކޭސް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ އެޖެންސީ އިން ބުނީ އެންމެ ފަހުން ހިމަބިހީގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. މިއާ އެކު އި މިހާތަނަށް މި އަހަރު ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ.
ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ ބައެެއް އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލާފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.
އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމަތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްފަ އެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު