ށ. ނަރުދޫ ސްކޫލްގައި އެކައުންޓް ޗީޓަރެއް ނެތި ތިބޭތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެކަމަށާއި، ޓީޗަރަކު ލިބޭނެ ދުވަހެއް ވެސް އަދި ނޭނގޭކަމަށް ނަރުދޫގެ ބެލެނިވެރިންތަކެއް މި ނޫހަށް މަޢުލޫމާތު ދީފިއެވެ.
ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް އެންމެ މުހިންމު ދުވަސްވަރުގައި އެކައުންޓް ޓީޗަރެއް ނެތުމުން ނަރުދޫގެ ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެހެނީ އެކުދިންގެ އެންމެ ފަހުގެ މޮކް ޓެސްޓަށް ދެން ބާކީ އޮތީ 70 ވަރަކަށް ދުވަހެވެ. މިފަދަ ދަނޑިވަޅެއްގައި ކިޔަވައިދޭނެ ޓީޗަރަކު ނެތުމަކީ ފޫނުބެއްދޭނެ ބޮޑު ދެރައެއް ކަމަށް ބެލެނިވެރިން ބުނެއެވެ. އަދި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ވެސް މިހާރު ތިބީ ބޮޑު ހާސްކަމެއް ގައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި އެކުދިން އޯލެވެލް އިމްތިހާންގައި އިށީންނަށް ޖެހޭނެއެވެ.
މިނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނަރުދޫގެ ބެލެނިވެރިޔަކު ބުނީ، ރާއްޖޭގެ އެހެން އެއްވެސް ސްކޫލެއްގައި ގްރޭޑް 10 ގެ ދަރިވަރުންނަށް އެކައުންޓް ކިޔަވައިދޭނެ ނެތިގެން އުޅޭ ވާހަކައެއް އަޑުނާހާކަމަށާއި، މިއީ ވަރަށް ބޮޑު ބޭއިންސާފެއް ކަަމަށެވެ. މިކަމަށް އަވަސް ޙައްލެއް ނުލިބިއްޖެ ނަމަ، ދަރިވަރުންގެ ނަތީޖާއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ އެވެ. އެހެންކަމުން ބެލެނިވެރިންގެ އެދުމަކީ މިނިސްޓްރީން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މައްސަލަ ހައްލުކޮށް ދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު