އުސްތާޛް ޒަކީ

އަބަދުވެސް ޤައުމީ ސަލާމަތަށް ނުރައްކާވިއްޔާ ވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން.

ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މާމޮޅު މައުލޫމާތަކާ ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގައި ގައުމީ ސަލާމަތާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް މިރޭ ހިންގާނެ ކަމަށް ބަޔާންކޮށް ނެރުނު އިޢުލާން ކެންސަލްކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ އިދާރާއަށް ލިބިފައިވާ މައުލޫމާތަކާ ގުޅޭ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ކުރިން ނެރުނު ބަޔާން މި ވަގުތަށް އަނބުރާ ނަގާފައިވާ ކަމަށެވެ.

ދިވެހި ފުުލުުހުންގެ އިދާރާއިން ކުރިން ބުނިގޮތުގައި މިއީ ދިވެހި އަޝްކަރިއްޔާއާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަނީ ކުރިން ބުނިއެތި ކެންސަލް ކޮށްފައެވެ.

މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވެފައިވަނީ މުޅިންހެން ސަރުކާރުތަކުގެ ޢަމަލުތަކުގެ ސަބަބުންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ދޭދޭ ގައުމުތަކުގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކަށް ފާޑުކިޔުމަކީ އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންކަމެވެ.

އެހެން ނަމަވެސް ސިޔާސީ މަންފާތައް ހޯދުމަށްޓަކައި މިފަދަ އަމަލުތައް ކުރެވެނީ މަދަކުން ނޫނެވެ. މިއީ މިނިވަން ދައުލަތަކަށް ނުރައްކާވެދާނެތީ ފާރަވެރިވާންޖެހޭނެ މުހިންމު ގައުމީ މަސްލަޙަތުތަކެވެ.

މިފަދަ ކަންކަމަށް ބެލުމެއްނެތި ގިނައިން މިފެންނަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖެއް ފެށިއްޖެނަމަ އެކަން ހުއްޓުވުމަށްޓަކައި ދިފާއީ ބާރުތަކުގެ ބޭނުންކުރާ މަންޒަރެވެ. މިއީ ގައުމިއްޔަތަށް ދެވޭ ބޮޑު ނިކަމެތި ކަމެއްކަން ޔަޤީނެވެ.