މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ށ. ފޯކައިދޫއަށް ވަޑައިގަތުމަށްފަހު، ފޯކައިދޫ ސްކޫލުގެ ހޯލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް އަދި ރައްޔިތުންގެ ދުޅަހެޔޮކަމަށް ބޭނުންވާ އެންމެހާ ކަމެއް ފުރިހަމަ ކޮށްދެއްވުމުގައި މި ސަރުކާރުގެ ތަސައްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކޮށްދެއްވައިފި އެވެ.
ފޯކައިދޫގެ ތަރައްޤީއަށްޓަކައި ގުނާ އަދަދު ނުކުރެވޭހާ ގިނަ މަޝްރޫޢުތަކެއް ވަނީ އިޢުލާން ކުރައްވާފައެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.
- އިސްލާމީ މަރުކަޒު
މިހާރުގެ މަސްޖިދުލް އީމާން (ބޮޑު މިސްކިތް) ހުރިތަނުގައި ޒަމާނީ އިސްލާމީ މަރުކަޒެއްގެ ބިންގާ ވަނީ މިއަދު އަޅުއްވައިދެއްވާފައެވެ. މިއީ ކްލާސްރޫމްތަކާއި އެހެނިހެން މުހިންމު ވަޞީލަތްތަކާއެކު ބިނާކުރެވޭ ފުރިހަމަ އިސްލާމީ މަރުކަޒަކަށް ވެގެންދާނެ އެވެ.
- ޕޮލިސް ސްޓޭޝަން
ރާއްޖޭގެ ހުރިހާ ރަށެއްގަައި ފުލުހުންގެ ޚިދުމަތްދޭ މަރުކަޒުތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ފޯކައިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފެށިފައެވެ. ފޯކައިދޫގައި މިހާރު ފުލުހުންގެ ޚިދުމަތް ދެމުން ގެންދަނީ ކައުންސިލްގެ އިމާރާތެއްގައެވެ. އެހެންކަމުން މި އިމާރާތް ނިމުމުން ފުލުހުންގެ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.
- ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒު
ފޯކައިދޫގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒެއްގެ ބިންގާއެޅި މިއަދު ވަނީ ޢަމަލީ މަސައްކަތް ފެށިފައެވެ. ފޯކައިދޫގައި މިހާރު ކުނި މެނޭޖުކުރަމުން ގެންދަނީ ކައުންސިލްގެ ފަރާތުންނެވެ. މި މަޝްރޫޢު ނިމުމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. އަދި އިތުރު މުވައްޒަފުންނާއި ވަޞީލަތްތައް ލިބިގެންދާނެ އެވެ.
- މަގު ހެދުމުގެ މަޝްރޫޢު
ފޯކައިދޫގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކުރެވިފައެވެ. މަގުތައް ތަނަވަސް ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ފޯކައިދޫގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހިނގާރުތަކާއި، ރައުންޑްއެބައުޓްތައް ޤާއިމުވުމުން ހިނގާ މީހުންނަށާއި، ވެހިކަލް ދުއްވާ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ އެވެ.
- ފުޓްސަލް ދަނޑެއް ތަރައްޤީކުރުން
ފޯކައިދޫގައި މިހާރު އޮތް ދަނޑުގެ އިތުރުން ފުޓްސަލްއަށް ޚާއްސަ ދަނޑެއް އެޅުމަށްޓަކައި މި މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލެވިގެން ދާނެއެވެ. އަދި މި ދަނޑަކީ ރޭގަނޑުގައި ވެސް ކުޅެވޭ ގޮތަށް ލައިޓުތައް ހަރުކުރެވި، ބޭނުންވާ އެހެނިހެން ވަޞީލަތްތަކާއެކު ޤާއިމުކުރެވޭ ފުޓްސަލް ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމިގެންދާނެ އެވެ.
- ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުން
ފޯކައިދޫ އަކީ ހޭންްޑްބޯޅައަށް ޝައުގުވެރިވާ ގިނަ އަަދަދެއްގެ ޒުވާނުން އުޅޭ ރަށަކަށް ވާތީ، ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް އެޅުމަށްޓަކައި މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި އިޢުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަރަށް އަވަހަށް ހޭންޑްބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފެށި، މި އަހަރުގެ ތެރޭގައި ނިމިގެންދާނެ އެވެ.
- ސައިންސް ލެބް، ކޮމްޕިއުޓަރ ލެބް އަދި އޭވީ ރޫމް ހިމެނޭ އިމާރާތް
ފޯކައިދޫ ސްކޫލަށް ބޭނުންވާ ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބާއި، އޭވީ ރޫމްގެ އިތުރުން ޒަމާނީ ވަޞީލަތްތައް ހިމެނޭ އިމާރާތެއް ބިނާކުރުމަށްޓަކައި އަންނަ އަހަރުގެ ބެޖެޓުގައި ވަނީ ހިމަނުއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ފާސްވުމާއެކު ލަހެއްނުވެ ޢަމަލީ މަސައްކަތް ފެށިގެންދާނެ އެވެ.
- އާޓިފިޝަލް ބީޗެއް ތަރައްޤީކުރުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
ފޯކައިދޫގައި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުމަކީ ކުރިންވެސް އެމްޓީސީސީއާ ޙަވާލުކުރެވިފައިވާ މަސައްކަތެއް ނަަމަވެސް މިވަގުތަށް އޮތީ މަސައްކަތް ހުއްޓިފައެވެ. އެހެން ނަަމަވެސް އިތުރު ވަޞީލަތްތައް މޯބަލައިޒްކޮށް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ އެކު އެކީ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ވަރަށް އަވަހަށް މި މަސައްކަތް ވެސް ފެށޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ.
- ފޯކައިދޫ ސިއްހީމަރުކަޒަށް ސްޕެޝަލިސްޓް ޑޮކްޓަރެއް ހޯދުން
ފޯކައިދޫ ސިއްހީމަރުކަޒުގެ ލެވެލް މަތިކޮށް، ފިޒީޝަނެއްގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި މި މަހުގެ ތެރޭގައި އިޢުލާނުކޮށް، ޑޮކްޓަރަކު ލިބުނުހާ އަވަހަކަށް ހަމަޖައްސަވާ ގޮތަށް މިހާރުވަނީ ކަނޑައަޅުއްވާފައެވެ. މިއީ ފޯކައިދޫގެ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
- އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުން
ފޯކައިދޫ ސިއްހީމަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި ވަޞީލަތްތައް ތަރައްޤީކޮށް އަންނަ އަހަރު އެކްސްރޭގެ ޚިދުމަތް ލިބެން ފަށާނެއެވެ. މިއީ ވެސް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކުޅިވަރަށް ފޯރި ހުންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށް ވުމުން ކުޅިވަރުގެ ތެރޭގައި ލިބޭ އަނިޔާތަކަށް ފަރުވާދިނުމަށްޓަކައި އެކްސްރޭ ނުނެގޭތީ، އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.
- ހައުސިންގ މަޝްރޫޢު
ފޯކައިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަށް ތަނަވަސްކޮށްދިނުމަށްޓަކައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނުއްވާފައެވެ. އެހެން ކަމުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް އަންނަ އަހަރު ފެށިގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅާއެކު ފޯކައިދޫ އުފަލުން ފޮޅުވާލައިފި އެވެ. ފޯކައިދޫ އަކީ ނިމިދިޔަ ސަރުކާރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފުރިހަމަކޮށްފައިވާ ރަށެކެވެ. އެހެންކަމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ވަރަށް ބޮޑު ލޯތްބަކާއި ޤަަދަރެއް ކުރާ ރަށެކެވެ. ރައީސް ޑރ. މުޢިއްޒު އިޢުލާނު ކުރެއްވި މަޝްރޫޢުތައް ދައުރުގެ ތެރޭގައި ނިންމަވައިފިނަމަ، ކުރީގެ ރައީސް ސޯލިހުގެ ތަރައްޤީގެ ލިސްޓް ފަހަނައަޅާ ދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު