1 ދުވަސްތެރޭ ރާއްޖެއަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށް ރެކޯޑެއް ހަދައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ރެކޯޑު ހަދާފައި ވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއަށް 10,462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރެކޯޑު އޮތީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ފަތުރުވެރިކަން ފުޅާވެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ޖުމްލަ 70,801 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 295،500 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު