މޯދީގެ މިތުރެއް ކަމަށްވާ ނަތަންޔާހޫ އާއި ބައްދަލުކުރުމަށް އިޒްރޭލަށް ޒިޔާރަތްކުރަނީ

މިލައުތުރު | 22 ފެބްރުއަރީ 2026 | ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޒަމާންވީ މިތުރެއް ކަމަށްވާ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބައްދަލުކުރެއްވުމަށް މި މަހުގެ 25 ގައި އިޒްރޭލަށް ޒިޔާރަތް ކުރުމަށް ނިންމަވައިފި އެވެ.

މިއީ ބޮޑުވަޒީރު މޯދީ އިޒްރޭލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކުރެއްވިތާ 9 އަހަރު ފަހުން އެ މަނިކުފާނު އިޒްރޭލަށް ކުރައްވާ ދެވަނަ ދަތުރުފުޅު ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މޯދީ އަކީ އިންޑިއާގެ މުޅި ތާރީޚުގައި ވެސް ރަސްމީ ހައިސިއްޔަތުން އިޒްރޭލަށް ދަތުރު ކުރެއްވި ފުރަތަމަ ބޮޑުވަޒީރެވެ.

ބޮޑުވަޒީރު މޯދީ ފާހަގަކުރެވެނީ ހައްދުފަހަނައެޅި ހިންދޫންގެ ދިފާއުގައި މުސްލިމުން ނިކަމެތި ކުރުމަށް ފާޅުގައި ގޮވާލާ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އެގޮތުން މޯދީގެ ވެރިކަމުގައި އިންޑިއާގެ މުސްލިމުންނަށް އެތަކެއް ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތި ކުރުވާފައި ވެއެވެ.

މޯދީގެ އިޒްރޭލް ދަތުރުފުޅުގައި ދެ ދުވަސް ހޭދަކުރައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ހުރިހާ ޒާތެއްގެ މުޢާމަލާތްތަކާ ބެހޭ ގޮތުން ނަތަންޔާހޫ އާއި ދެބޭފުޅުން މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.