މުސާރަ ބޮޑުނުކުރާތާ އެތައް އަހަރެއް ވުމުން ގޭން އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ

މިލައުތުރު | 2 އޭޕްރީލް 2026 | ޚަބަރު

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އެއާޕޯޓު، ގޭން އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތާ އެތައް އަހަރެއް ވުމުން އެތަނުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މި ނޫހަށް މައުލޫމާތު ދެމުން އެ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ އެއާޕޯޓުގެ މަސައްކަތް ދުވަހުން ދުވަހަށް ބުރަ ވަމުން އަންނަ ކަމަށެވެ. އަދި އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ނިމުމުން އިތުރަށް މަސައްކަތް ބުރަ ވާނެ ކަމަށެވެ. މަސައްކަތް ބުރަވި ނަމަވެސް އެތަނަށް މުވައްޒަފުން އިތުރަށް ނުނަގާ ކަމަށް އޭނާ ބުންޏެވެ.

24 ގަޑިއިރު މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭއިރު އެއާޕޯޓުގައި ކޮންމެ ދުވަހަކުވެސް މަދުވެގެން 5 ފްލައިޓް އަޅާ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ދުވަސްތަކުގައި 8 ފްލައިޓުވެސް އަޅާ ކަމަށް އޭނާ ބުންޏެވެ.

ގޭން އެއާޕޯޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު އަޅާއިރު އަވައްޓެރި ސްރީލަންކާއަށް ވެސް އާންމުކޮށް ހަފްތާއަކު 2 ފްލައިޓު އަޅައެވެ. އަދި ބައެއް ފަހަރު ހަފްތާއަކު 3 ފްލައިޓު އަޅައެވެ.

”އަހަރެން މި އެއާޕޯޓުގައި މަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ. މިވީހާ އަހަރެއް ވީއިރު މުސާރައަކަށް ބަދަލެއް ނާދޭ. މަގާމުގެ ކުރި އެރުމެއް ނުލިބޭ. މިތަނަކުން އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދެއްވެސް ނެތް“ އެއާޕޯޓުގެ އިތުރު މުވައްޒަފަކު ކިޔައިދިނެވެ.

މި އެއާޕޯޓުގައި އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން މުވައްޒަފުން މަސައްކަތް ކުރާއިރު އެ މުވައްޒަފުން ވަޒީފާއަށް ދިއުމަށް ދިގު ދަތުރެއް ކުރަން ޖެހެއެވެ. އެގޮތުން ހިތަދޫއިން ވަޒީފާއަށް ދާ މުވައްޒަފަކު ނަމަ ކޮންމެ ދުވަހަކު ވަޒީފާއަށް ގޮސް އައްނަން 20 ކިލޯމީޓަރަށްވުރެ ދިގު ދަތުރެއް ކުރަން ޖެހެއެވެ. އަމިއްލަ ވެހިކަލް ތަކުގައި މި ދަތުރު ކުރުން ނޫން އެހެން ގޮތެއް ނެތް އިރު ދަތުރަށް އަނދާ ޕެޓްރޯލް ހަރަދުހާ މިންވަރުވެސް މުސާރައިން ނުލިބޭ ކަމަށް މުވައްޒަފުން ބުންޏެވެ.

ކޮންމެ ދުވަހަކު 8 ގަޑިއިރަށް ވުރެ ގިނައިރު ގަދަ އަވީގައި މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑިއަށް ހޭދަކުރާ ވަގުތުގެ ފައިސާވެސް ނުލިބޭ ކަމަށް މުވައްޒަފުން ބުންޏެވެ. އަދި ވަޒީފާގައި ތިބޭއިރު ކެއުމުގެ ހަރަދު އަމިއްލަ އަށް ކުރަން ޖެހޭ ކަމަށާއި އެއޯޕޯޓުގައި ހުންނަ ރެސްޓޯރެންޓުން ކާނަމަ މުސާރަކޮޅުގެ ދެބައިކުޅަ އެއްބައި އެކަމަަށް ދާކަމަށް މުވައްޒަފުން ބުންޏެވެ. އަދި އެއޯޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯނެ ފެންފޮދެއްހާ މިންވަރުވެސް އެތަނުން ނުދެވޭ ކަމަށް މުވައްޒަފުން ބުންޏެވެ.

އެއާޕޯޓުގެ މުުވައްޒަފުން ބުނީ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެންނަހާ ހިނދަކު އިހުތިޖާޖު ކުރުން ހުއްޓާ ނުލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.