ހޮލީވުޑް ފިލްމެއް ނޫން: ވަގަށް އެތެރެކުރި 1360 ކޭސް ސިނގިރޭޓް ހިފަހައްޓާފައިހުއްޓާ ވަގަށް ނަގައިފި.

މިލައުތުރު | 9 އޮކްޓޯބަރ 2025 | ޚަބަރު

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ވަގު ސިނގިރޭޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓް ހުޅުމާލޭ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ބަޔަކު ވަގަށް ނަގައިފި އެވެ. މިއީ ހޮލީވުޑް ފިލްމުތަކުން ފެންނަ ދަރަޖައިގެ ޖަރީމާތައް ނަމަވެސް މިއީ ހަމަ ޙަޤީޤަތެކެވެ.

މަޢުލޫމާތު ލިބޭގޮތުގައި މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. ކަސްޓަމްސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، ދެ ކޮންޓެއިނަރު ވެސް ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެމްޕީއެލްގެ ހަވާލުގަ އެވެ. އެމްޕީއެލްއާ އެ ހަވާލުކުރީ ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރެޓްތައް ނައްތާނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށެވެ.

Advertisement

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސިނގިރެޓްތައް ނެތް ކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އަދި ވަގަށް ނެގީ ކޮން ދުވަހެއްގައި ކަމެއް ނޭނގެއެވެ. މައްސަލައިގެ ތަހުގީގު ފުލުހުންނާ ގުޅިގެން މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.