އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ވައިނުސާފުވުމުގެ މައްސަލަ ހައްލުކުރަން ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާކުރަން މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މޫސުމީ ގޮތުން ކުރިމަތިވާ ދުމުގެ އަސަރަކީ އާންމު ސިއްހަތަށާއި، ތިމާވެށީގެ ފެންވަރަށާއި، އިގްތިސާދީ ދެމެހެއްޓެނިވި ކަމަށް އޭގެ ނޭދެވޭ އަސަރު ފޯރާ ކަމެއް ކަމަށެވެ. އެހެން ކަމުން ދިވެހި ސަރުކާރުން މިކަމަށް ގައުމީ ފެންވަރުގައި ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިހާރު ފެންނަމުންދާ ދުމުގެ އަސަރާ މެދު އާންމުން ކުރާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާއި އަދި ބޯޑަރު ހުރަސްކޮށް އަންނަ ވައިގެ ތަޣައްޔަރުކަމަށް ދިގު މުއްދަތަކަށް ހުށަހެޅިފައި ހުރުމަކީ އާންމު ސިއްހަތަށާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖެ އުފެދިފައިވާ ގޮތާއި، ކުޑަ ބިންކޮޅެއްގައި އާބާދީ ތޮއްޖެހިފައި އޮތުމުގެ ސަބަބުން، ގައުމުން ބޭރުން އަންނަ ތިމާވެށީގެ މިފަދަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިތުރުވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ފޮރިން މިނިސްޓްރީން ބުނީ މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ސައިންޓިފިކް ދިރާސާތަކާއި، މައުލޫމާތު ހިއްސާކުރުމާއި، ދާއިމީ މަޝްވަރާތަކުގެ ޒަރީއާއިން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން މިހާރު ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ވައިގެ ފެންވަރު ރަނގަޅުކޮށް ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދާއިމީ ހައްލުތަކެއް ހޯދުމަށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބުނެފައިވެ އެވެ. ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު