ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ ފޯރި ގަދަ ކެމްޕެއިނެއް ހިންގި އެއް ރަށަކީ ށ. ފޯކައިދޫއެވެ. ފޯކައިދޫ އެމްޑީޕީން އަބަދުވެސް ބުނަމުންދިޔައީ ދިހައެއް ސުމަކުން ވެރިކަން ކުރާ ޕީއެންސީ ބަލިކޮށްލާނެ ކަމަށެވެ. އެމީހުން ވަރަށް ރީތިކޮށް އެކަން ކޮށްފިއެވެ.
ށ. ފޯކައިދޫގައި އެމްޑީޕީން ކުރީ ޤައުމީ ކެމްޕެއިނެކެވެ. އެހެންކަމުން، އެމްޑީޕީ ލީޑަރޝިޕް އެއްކޮށް ކަހަލަ ގޮތަކަށް އެމީހުންގެ ކެމްޕެއިން ރެލީތަކުގައި ވަނީ ބައިވެރިވެފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ޞާލިޙް އާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި، ޕާޓީގެ ރައީސް އަބްދު ﷲ ޝާހިދު އާއި، ޕާލަމަންޓަރީ ގްރޫޕުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވެސް އެ ރަށުގެ ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ.
ކެމްޕެއިންގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މުޅި ފޯކައިދޫ އޮތީ ބަނދަރު މައްޗާއެކު ރީނދޫކުލައިން ޒީނަތްތެރި ކޮށްލާފައެވެ. ބޭނުމަކީ ފޯކައިދޫގެ މަލަމަތި ފެންނަ ކޮންމެ ބަޔަކަށް ވެސް ހިތްވަރު ދިނުންކަމުގައި އެމީހުން ބުނެތެވެ. ފޯކައިދޫން ފެންނަނީ އަސްލު އެމްޑީޕީ ވަންތަ ކެމްޕެއިނެކެވެ. އަދި މުޅި ރާއްޖެއިން ވެސް ފެނިގެންދިޔައީ އެމްޑީޕީގެ އަސްލު ރޫޙް ދިރިގެން އައިތަނެވެ.
ށ. ފޯކައިދޫ ކައުންސިލްގެ 5 ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެހެންކަމުން ފޯކައިދޫ ޕީއެންސީއަށް ލިބުނީ ސުމެކެވެ.
ކިޔުންތެރިންގެ ހިޔާލު