ގއ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމަށްޓަކައި ދުބާއީ އަށް ކުރި ދަތުރަށް ޚަރަދުވީ އެންމެ 5 ލައްކަ ރުފިޔާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އާންމު ކުރުމާއެކު ވަރަށް ބޮޑު ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި މާ ބޮޑު ޚަރަދެއް ކޮށްފައެއް ނުވެއެވެ. ދުބާއީ ފަދަ ސިޓީއަކަށް ދަތުރުކޮށް ތަޖުރިބާ ހޯދުމަށް އެވަރުގެ ޚަރަދެއް ވުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. އަދި އެކަމުގެ ހިތްހަމަޖެހުމާއި ފައިދާއަށް ބަލާއިރު އަމުދުން ބޮޑު ޚަރަދެއް ނޫނެވެ.
މައި ސަރުކާރުގެ ވުޒާރާތަކުން މިލިޔަނުން ޚަރަދު ކުޅަޔަސް އެއީ މާބޮޑު މައްސަލައަކަށް ނުވެއެވެ. މިކަމުން ވެސް ދޭހަވަނީ އަތޮޅުތެރެއާއި މާލެއާ ތަފާތުކުރުމުގެ ނާތަހުޒީބު ވިސްނުން އަދިވެސް ބަދަލުނުވާކަމެވެ.
އޮޑިޓާރ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ގއ.އަތޮޅު ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް 2023 ގައިވާ ގޮތުން އެ ކައުންސިލުން 2023 ވަނަ އަހަރު ދުބާއީ އަށް ކުރި ދަތުރުގައި 10 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދަތުރަށް ޚަރަދުވީ އެންމެ 564،917 ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑުބައެއް ޚަރަދުވެފައި ވަނީ ތިބުމާއި ކެއުމަށެވެ. އެކަމަށް ވެސް ޚަރަދުވީ އެންމެ 443،633 ރުފިޔާއެވެ.
ދަތުރުގައި ޕޮކެޓް މަނީއަށް ވެސް ޚަރަދުވީ ޖުމްލަ 43،947 ރުފިޔާއެވެ. އެއާ ޓިކެޓަށް ހަރަދުވެފައި ވަނީ 66،306.ރ އެވެ. ދަތުރުގައި ބިލުތަކާ އެކު ހިސާބުތައް ބެލެހެއްްޓުމުގެ ޚަރަދުގެ އިތުރުން ބިލުތައް ނެތި އިންސިޑެންޝަލްގެ ގޮތުގައި ޚަރަދުވެފައިވަނީ 11،043 ރުފިޔާއެވެ.
މި ތަޖުރިބާ ދަތުރުގެ ބޭނުމަކީ ޔޫއޭއީގައި ލޯކަލް ކައުންސިލްތައް ހިނގަމުންދާ ގޮތް ބަލައި ތަޖުރިބާ ހޯދުމެވެ. ދުބާއީގެ މުނިސިޕަލް ކައުންސިލްތަކަށް ޒިޔާރަތްކޮށް އަލަށް އާބާދުކުރާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މުހިންމު ތަޖުރިބާތަކެއް ހޯދާފައި ވެއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކައުންސިލަށް ދިން ލަފަޔަކީ އެފަދަ ދުތުރުތަކަށް ސްޕޮންސާ ހޯދައިގެން ޚަރަދު ކުރުމަށެވެ. ނަމަވެސް ކައުންސިލްތަކުގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަންކަމަށް ބަޖެޓުން ޚަރަދު ނުކުރެވޭންވީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި މިއީ މަލާމަތްކޮށް ފުރައްސާރަ ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު