އިދިކޮޅު އެމްޑީޕީ އިސްވެ މާދަމާ ބާއްވަން އުޅޭ ސުލްހަވެރި ސިޔާސީ ހަރަކާތާ މެދު ސަރުކާރުން ހާސްވެ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެން ނަމަވެސް ފެންނަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައި ސަރުކާރުގެ ވެރިންތައް އުޅުއްވާ ތަނެވެ.
މާދަމާ ވެރިކަން ވެއްޓިދާނެތޯ؟
ދާދި ފަހަކުން އެކުވެރި ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް އެ ޤައުމުގެ ޒުވާނުން އުތުރިއެރުމާއެކު ހިނގާދިޔަ ކަންކަމާ ގުޅިގެން ބޮޑުވަޒީރަށް އެންމެ ފަހުން ޖެހިވަޑައިގަތީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާށެވެ. އަދި ހިނގަ ހިނގާ އޮތް ސަރުކާރު ވެއްޓި އިންތިޤާލީ ސަރުކާރެއް މިހާރު ވަނީ އުފައްދަވާފައެވެ. މިކަމުގެ ޚަބަރުތަކާއި މަންޒަރުތައް އެންމެ ޝައުޤުވެރިކަމާއެކު ބެލި އެއްބަޔަކީ ދިވެހީންނެވެ.
ސަބަބީ ކޮރަޕްޝަންގެ ތުހުމަތުތަށް ބޮޑުވެ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުން އޭރުގެ ސަރުކާރަށް ނާކާމިޔާބުވެ އައު ސަރުކާރެއް އުފަންވި ނަމަވެސް ކޮރަޕްޝަންގެ މައްސަލަތަކަށް ޙައްލެއް ނުލިބި އޮތުމެވެ. ކޮރަޕްޝަންގެ މައްސަލަތައް ތިލަވެގެންދިޔައީ އިހުނަށް ވުރެ ދެގުނަ އިތުރަށެވެ. ސަރުކާރު އެންމެ މަތީ ގިންތިތަކުގެ ވެރިންނަށް ވެސް ތުހުމަތުތައް އަމާޒުވެގެން ދިޔަ ދިއުމެވެ. ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ބަންޑުންވެ އެހެން ނަން ނަމުގައި މަޤާމުތަކަށް އައްޔަނުކުރައްވަން ޖެހިވަޑައިގަތުމެވެ. އެހެން ކަމުން މާދަމާގެ އެއްވުމުގައި ނޭޕާލްގެ ޙާދިސާގެ ޖަޒްބާތުތައް ކެކި އުތުރިއަރައިގެން ދިއުމަކީ ސަރުކާރަށް ނުބައިލޮޅުމެއް އަރާފާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އެބަ އޮތެވެ.
ސަރުކާރު ހިންގާ ޕާޓީން ސައިޒު ދައްކާލުމުން ދޭހަވަނީ ކޮން ކަމެއް؟
އިދިކޮޅު އެމްޑީޕީން މާދަމާ ބޮޑު އެއްވުމެއް ބާއްވަން ރާވާފައިވަނިކޮށް ވެރިކަން ކުރާ ޕާޓީން ރޭގައި ސައިޒު ދައްކާލުމަށް އެއްވުމެއް ނުވަތަ ހަރުގެ ޖަލްސާއެއް ބޭއްވުމުން ވެސް ދޭހަވަނީ ސަރުކާރުގެ ތެރޭގައި ނުތަނަވަސްކަން އޮތް މިންވަރު ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެން ނޫން ނަމަ، ސަރުކާރު ހިންގާ ޕާޓީ އޮންނާނީ އެއްވެސް ހާސްކަމެއްނެތް ބައެއްގެ ގޮތުގައި މީހުންނަށް ތަސައްވަރުވާ ގޮތަކަށެވެ.
އަނެއް ކަމަކީ ދިފާއީ ބާރުތަކުގެ ބޭނުންކޮށްގެން އިންޒާރުތައް ދެމުން ގެންދާ ކަމެވެ. އެއްވެސް ބުރަދަނެއްނެތް އިންޓެލިޖެންސްތަކާ ޙަވާލާދީ ބަޔާންތަކާއި އިންޒާރުތައް ދިނުމަކީ ވެސް ނުތަނަވަސްކަން ބޮޑުކަން ރަމްޒުކޮށްދޭ ކަމެކެވެ. އަސްކަރީ ފެންވަރުގެ ތަމްރީންތަކާއި ޑްރިލްތައް ފުރަމާލޭގައި މިދަނޑިވަޅުގައި ބޭއްވުމަކީ ވެސް ހާސްކަމާއި ނުތަނަވަސްކަން އޮތްކަން ދަލާލާތު ކޮށްދޭ ކަމެކެވެ.
ނަތީޖާ ބިނާވާނީ ކޮން ކަމަކަށް؟
ސިޔާސީ އުތުރިއެރުމެއްގެ ނަތީޖާ ބިނާވާނީ ރައްޔިތުން ބައިވެރިވާ ނިސްބަތަކަށެވެ. އަދި ރައްޔިތުންގެ ބާރު ދައްކާލާ ނިސްބަތަކަށެވެ. ރައްޔިތުންގެ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، ބަދަލަކަށް ބޭނުންވެއްޖެނަމައީ ސުލްޙަވެެރި ސިޔާސީ ޙަރަކާތް ދިގު ދެމިގެންދާ މުޒާހަރާއަކަށް ބަދަލުވެގެން ދިއުމަކީ ގާތްކަމެކެވެ. އެފަދަ ގޮތަކަށް މަޝްރަޙް ފުރޮޅިއްޖެނަމަ އިންޤިލާބުވެ އޮއިވަރެއް ފެށިދާނެ އެވެ. އެފަދަ ޙާލަތެއްގައި ދިފާއީ ބާރުތަކުން ރައްޔިރުންނާ ކުރިމަތިލާކަށް ބޭނުމެއް ނުވާނެ އެވެ.
މަގުމަތިން ވެރިކަން ވައްޓާލުމަކީ ޤައުމަށް ފައިދާހުރި ގޮތެއް ނޫނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި 2012 ވަނަ އަހަރު ހިނގި ހާދިސާގެ އަސަރުތައް އަދިވެސް ފިލާ ނުދެއެވެ. އެއީ މަގުމަތިން ސަރުކާރެއް ވައްޓާލުމުގެ ނަތީޖާ އެވެ. އެކަމުގެ ޖަޒްބާތުތަކާއި ލިބުނު އަނިޔާތައް ފިލާ ނުދާތީ ދިމާވާ މައްސަލަތައް ނުހަނު ގިނަ ގުނައެވެ.

ކިޔުންތެރިންގެ ހިޔާލު