މައި އެއާޕޯޓުގެ ފާރަވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި

ޝާން މުޙައްމަދު | 1 ފެބްރުއަރީ 2026 | ޚަބަރު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
 
މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ހުޅުލޭ އައިލަންޑް ހޮޓަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހްއެވެ.

މިރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސް، ޖެނެރަލް މެނޭޖަރ ހަސަން އަޝީތު އާއި އެ ޑިޕާޓްމަންޓްގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.
 
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އިންނެވެ. ފަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް ގެ 28 އޮފިސަރުން ބައިވެރިވެ އެވެ. އަމަލީ ތަމްރީނުތަކާއި، ތިއަރީހިމެނޭހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ޤާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަޚުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.