މިއާންޒް ކޮލެޖުގެ ސައިންސް ފެކަލްޓީ ޑީން އަތުގައި ވެސް އޮތީ ފޭކް މާސްޓަރ ޑިގްރީއެއް – ހަސަން ކުރުސީ

މިލައުތުރު | 31 ޑިސެމްބަރ 2025 | ޚަބަރު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަތީ ތަޢުލީމަށް ކިޔަވައިދޭ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ ފެކަލްޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީންގެ މަޤާމުގައި ހުރި ޕްރަޖޯލް މޯހަންދާސްގެ އަތުގައި އޮތީ “ފޭކް” މާސްޓަރ ޑިގްރީއެއް ކަމަށް ބެލެވޭ ޑޮކިއުމެންޓްތަކެއް ހަސަން ކުރުސީ ލީކު ކޮށްލައިފި އެވެ.

ހަސަން ކުރުސީ ބުނެފައިވަނީ، މިއާންޒް ކޮލެޖުގެ ޑީންގެ މާސްޓަރ ޑިގްރީ އެކްރެޑިޓް ކުރަން ހުށަހެޅުމުން ވަނީ “ރިޖެކްޓް” ކޮށްލާފައިކަމަށާއި، އެހެން ނަމަވެސް އެމްކިއުއޭގެ ވެރިޔާގެ ސޮއި ފޯޖުކޮށްގެން ޑޮކިއުމެންޓް ތައްޔާރުކޮށް، ކޮލެޖަށް ހުށަހެޅުމުން އެއްވެސް ބެލުމެއްނެތި އެ ޤަބޫލުކޮށް މަޤާމު ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ޑީންކަމުގެ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ އެ ކޮލެޖުން ދެމުން ގެންދާ ކަމަށެވެ.

Advertisement

އޭނާ ފުރިހަމަ ކުރިކަމަށް ބުނާ މާސްޓަރ ޑިގްރީ ޕްރޮގްރާމު ފުރިހަމަ ކުރުމަށް 12 އަހަރު ހޭދަވެފައިވާ ކަމަށާއި، އެއީ މާސްޓަރ ޑިގްރީއެއް ފުރިހަމަ ކުރުމަށް ލިބޭނެ މުއްދަތެއް ނޫނެވެ. އަދި އޭނާ ކިޔަވާފައިވަނީ މިއާންޒް ކޮލެޖުގައި ދިވެހިރާއްޖޭގައި ފުލްޓައިމް ކޮށް ވަޒީފާ އަދާކުރަމުން އިންޑިއާގައި ކަމަށާއި، މިއީ ވެސް އާދަޔާ ޚިލާފު ކަމެއް ކަމަށެވެ. އަދި އޭނާ މާސްޓަރ ޑިގްރީ ހާސިލުކުރިކަމަށް ބުނާ ޔުނިވަރސިޓީގައި އެފަދަ މާސްޓަރ ޑިގްރީ ޕްރޮގްރާމެއް ނުވެސް ހިންގާ ކަމަށެވެ.

މިއާންޒް ކޮލެޖަކީ ބިދޭސީ މެނޭޖްމަންޓެއް އޮންނަ، ދިވެހީންނަށް ފުރުސަތު ކުޑަ ކޮލެޖެކެވެ. އެ ކޮލެޖުގެ ވެރިޔާއަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަދި ވަގު ސެޓްފިކެޓް ހުށަހަޅައިފައިވާ ޕްރަޖޯލް މޯހަންދާސަކީ އެ ކޮލެޖުގެ އިސްވެރިޔާ އަޙްމަދު މުއްތަކީގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރާ މެނޭޖްމަންޓް ސްޓާފް ކަމަށް ވެއެެވެ. އަދި ސީނިޔަރ މެނޭޖްމަންޓް ޓީމުގައި މަދު މީހަކު ފިޔަވާ އެކަށް ވެސް ގެންގުޅެނީ ބިދޭސީ މުވައްޒަފުން ކަމަށް އެ ކޮލެޖުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުން މި ނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއާންޒް ކޮލެޖުގެ ރެޖިސްޓްރާރ ކަމުގެ މަޤާމުގައި ހުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޖީއެމް ޝާޖޫ އަތުގައި އޮންނަނީ ފޭކް ޕީއެޗްޑީއެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެެވެ. އަދި ފައިސާ އާއި އިދާރީ ކަންމުގެ އިސްވެރިޔާގެ މަޤާމުގައި ހުރި މީހާގެ އަތުގައި އެއްވެސް ކޮލިފިކޭޝަނެއް އޮތްކަމެއް ވެސް، ނެތްކަމެއް ވެސް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.