ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ ރޯދަ ހަދިޔާ ބެހުން މި އަހަރު އޮތީ ށ. އަތޮޅު ނޫމަރާގައެވެ.
ނޫމަރާ ކައުންސިލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބަރަކާ ޗެރިޓީ މޯލްޑިވްސް އިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 15 ފެބުރުވަރީ ވީ އާދީއްތަ ދުވަހުގެ ހަވީރު އެރަށު ބަނދަރު ސަރަޙައްދުގައެވެ.
މިއީ އެ ޖަމިއްޔާގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް ފެށުމުގެ ދެތިން ދުވަސް ކުރިން ކުރިއަށް ގެންދާ ވަރަށް ޚާއްސަ ހަރަކާތެކެވެ. ރޯދަ ހަދިޔާ ބެހުމުގެ ހަރަކާތް ހިންގާ ކޮންމެ ރަށެއްގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ހަދިޔާ ޕާރުސަލެއް ފޯރުކޮށްދެވެއެވެ.
މި ހަރަކާތް ހިންގަނީ ވަރަށް ދުރާލާ އިންތިޒާމުތައް ހަމަޖައްސައިގެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިންގޭ ޒަމާނީ އިވެންޓެއްގެ ގޮތުގައެވެ. މިދިޔަ އަހަރު އެ ޖަމިއްޔާގެ ފަރާތުން މި ހަރަކާތް ހިންގާފައިވަނީ ށ. ފޯކައިދޫގައެވެ. ރަމަޟާން މަސް ނިމި، ކުޑަ ޢީދު އައުމާއެކު ޢީދު ހަދިޔާ ބެހުމުގެ ހަރަކާތެއް ވެސް ހިންގަމުން ގެންދެއެވެ.
މިއީ ދުނިޔޭގެ 87 ޤައުމެއްގައި އެއްގޮތަކަށް އިންތިޒާމު ކުރެވިގެން ހިންގަމުން ގެންދާ ހަރަކާތްތަކެއް ކަމަށް އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފިން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު