ސިޔާސީ ޕާޓީތަކުން ވަކިކުރުމާއި ރަޖިސްޓްރީ ކުރުމަށް ބަދަލުތަކެއް ގެނެސްފި

ޝާން މުޙައްމަދު | 1 ޖެނުއަރީ 2026 | ޚަބަރު

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ ހުރިހާ ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދުން ފެށިގެން ވަނީ މިހާރު އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް އާ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި :
– ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުން
– ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން
– ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ.

Advertisement

މި ބަދަލުތަކާ ގުޅޭގޮތުން އީސީން ބުނީ ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް އެ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެ ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުން ރިކުއެސްޓް ކުރުމުން، ވަގުތުން ވަކިވާނެ ގޮތަށް ބަދަލުގެނެވިފައިވާ ކަމަށްވެސް އީސީން ބުންޏެވެ.

މި ބަދަލު ގެނެސްފައިވީ ނަމަވެސް އެ ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، މި ކޮމިޝަނުގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަގާމުން ވަކިވުމަށް ހުށަހަޅަންވާނެ ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެ ކަމަށްވެސް އީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.